ޖުމްހޫރީ ޕާޓީ އިސްވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން، ދެން ކަންތައްތައް ކުރާނެ ގޮތަކާ މެދު މަޝްވަރާކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހިސާން އަލީ ފަހްމީ ވިދާޅުވީ، ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ކޮންފަރެންސްގައި ނިންމި ނިންމުމާއި މިއަދާ ހަމައަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށާއި، އެ ޕާޓީން ވަކި ގޮތެއް ނިންމައިފި ނަމަ ކޯލިޝަންގެ މުސްތަގްބަލާ މެދު މަޝްވަރާކޮށް ގޮތެއް ކަނޑައަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
"ރައީސް ފުރަތަމަ އޮންނާނެ ސިޓީ އެއް ފޮނުވާފަ 2023 ގަ ކޯލިޝަނެއް ހެދުމަށް ދައުވަތު އަރުވާ ކަމަށް ޖުމްހޫރީ ޕާޓީ އަށް، ދެން މީގެ ޖަވާބެއް އަދި [އެ ޕާޓީން] ނުދެއްވާ،" ހިސާން ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ގޮވާލާ ޖުމްހޫރީ ޕާޓީގެ ކޮންފަރެންސަށް ހުށަހެޅި ގަރާރާ ގުޅިގެން ރޭ އެ ޕާޓީގެ ކައުންސިލުން ބައްދަލުވުމެއް ބާއްވައި، ވަނީ އެ ގަރާރަށް އަމަލުކުރަން ނިންމައި، ކެންޑިޑޭޓެއް ނެރެން ފާސްކޮށްފައެވެ.
ޖުމްހޫރީ ޕާޓީ ހިމެނޭހެން 2018 ގައި އިންތިހާބުވި ސަރުކާރުގައި ތިއްބަވާ ވަޒީރުންގެ އިތުރުން، ދައުލަތުގެ އެކި ކުންފުނިތަކުގެ އިސް ބޭފުޅުންގެ ގޮތުގައި ވެސް ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ބައެއް ބޭފުޅުން އެބަ ތިއްބަވައެވެ.