އިގްތިސޯދީ އަދި އިޖްތިމާއި ގޮތުން ވިޔަސް ތަރައްގީގެ ކުލަތައް ފެންނަން ފަށާނީ، އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ލިބިގެންކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރަސްމީ ގޮތެއްގައި ހޮސްޕިޓަލެއްގެ ހިދުމަތް ދޭން ފެށިތާ 75 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ފަރުވާ ފެށިގެން އައިގޮތަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ 1948 ވަނަ އަހަރު މާލޭގައި، ހުޅުވި "ޑަކްޓަރު ގެ" އާއެކު ދިވެހިންގެ ދިރިއުޅުމަށާއި އިގްތިސޯދަށް ބޮޑު ބަދަލެއް އައި ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއަށް ލިބުނު ވަރަށް ބޮޑު ދިރުމެއް ކަމުގައެވެ.

މި އަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އަންނަ މެއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެންނަވާނެކަން އެމަނިކުފާނު ތަކުރާރު ކުރައްވިއެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމާއި އަދި ސްޓޫޑަންޓް ލޯނު ސްކީމާއި ސަރުކާރުގެ ސްކޮލަޝިޕް ސްކީމްގެ ދަށުން މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގައި ލިބެމުން އަންނަ ކުރިއެރުންތައް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރަށް ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ނަފްސާނީ ބަލިތަކަށް ހާއްސަ މަރުކަޒެއް ގާއިމުކުރުމާއި ސްޓްރޯކް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ފެށުމުގެ އިތުރުން ސިއްހީ ދާއިރާއިން ރާއްޖޭގައި ކުރިން ނެތް ގިނަ ހިދުމަތެއް ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ފަށާފައިވާކަމަށެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރަމުން އަންނައިރު ރާއްޖޭގެ އެކި ރަށްރަށުގައި 50 އެނދުގެ 6 ހޮސްޕިޓަލާއި 30 އެނދުގެ 12 ހޮސްޕިޓަލް ސަރުކާރުން ތަރައްގީ ކުރަމުން އަންނައިރު އެ ސިއްހީ މަރުކަޒުތަކާއެކު ސިއްހީ އިތުރު ހިދުމަތްތަކާއި ވަޒީފާގެ އިތުރު ފުރުސަތުތައް ތަނަވަސްވެގެން ދާނެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި ހިދުމަތް ކުރައްވާ އެންމެހައި ބޭފުޅުންނާއި އަދި މިދިޔަ 75 އަހަރުގެ ތެރޭގައި މި ހިދުމަތް ރާއްޖޭގައި ތަރައްގީކޮށް ފުޅާކުރެއްވުމަށް މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުންނަށް ރައީސް ވަނީ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.