ރައީސް މުހައްމަދު ނަޝީދު އުފައްދާފައިވާ އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއެކު ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕެއް ހެދުމަށް މަޝްވަރާ ކުރަން ނިންމައިފިއެވެ.
ޖޭޕީއާއެކު ޖޮއިންޓް ފާލިމެންޓްރީ ގުރޫޕެއް ހެދުމަށް މަޝްވަރާ ކުރުމަށް ފިކުރެއްގެ ދިރުން ފެކްޝަނުން ނިންމާފައިވަނީ މިރޭ ބޭއްވި ޕީޖީ ބައްދަލު ވުމުގައެވެ.
މި އަހަރު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ޖޭޕީއިން ކެންޑިޑޭޓަރު ނެރެން ކައުންސިލްގެ އިއްތިފާގުން މިއަދު ފާސްކޮށްފައި ވާކަން ފާހަގަކޮށް ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ގޮސްގެން ދެން އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެކަން ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ވަރަށް ސާފުވާނެ ކަމަށެވެ. އަދި ކޯލިޝަން ކޯލިޝަނަކަށް ހަދައިދޭ ޕާޓީ ޖޭޕީއާ ނުލާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ އަމިއްލަ ބުރަދަނެއް ރައީސް ސޯލިހުގެ ނެތް ކަމަށެވެ.
މި އަހަރު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވާދަކުރައްވަން ނިންމެވުމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދު، ރައްޔިތުން މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ވަނީ ގާސިމަށް މަރުހަބާ ދަންނަވާފައެވެ. އަދި މިއާއެކު ގާސިމް ރިޔާސީ ރޭހަށް ނިކުންނަވަން އެންމެ ބޮޑަށް ބާރު އެޅުއްވީ ނަޝީދު ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި ގާސިމާއެކު ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވަން އުޅުއްވާ ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.
ޖޭޕީއިން މިއަދު ބޭއްވި އެ ޕާޓީގެ 151 ވަނަ ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމާ ގުޅިގެން ވޯޓެއް ނަގާފައި ވާއިރު އެ ވޯޓުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހަދައިގެން ކުރިއަށް ދާން ވޯޓު ދެއްވާފައި ވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެކަންޏެވެ. އެއާއެކު ސަމީރު ވަނީ ޖޭޕީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.
ޖޭޕީއާއެކު ކޯލިޝަން ހެދުމަށް ގިނަ ދައުވަތުތަކެއް މީގެ ކުރިން ގާސިމަށް ލިބިވަޑައިގެންނެވި އިރު ރައީސް ސޯލިހުވެސް ވަނީ ދައުވަތު ދެއްވާފައެވެ. އެހެންނަމަވެސް ގާސިމް ވަނީ ދާދިފަހުން ބޭއްވި އެ ޕާޓީގެ ކޮންފަރެންސްގައި ކޯލިޝަން ހައްދަވައިގެން ލިބުނު ހިތި ތަޖުރިބާ ހިއްސާ ކުރައްވާފައެވެ.