ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މާދަމާ އޮންނާނެކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ ގުރު ނެގުން އޮންނާނީ އެ ކޮމިޝަން ތިންވަނަ ފަންގިފިލާގެ، ކޮންފަރެންސް ރޫމްގައި ކަމަށާއި ހުރިހާ ކެންޑިޑޭޓުން މާދަމާ 14:00 އަށް ހާޒިރުވާން ވާނެ ކަމަށެވެ.

ކެންޑިޑޭޓަށް ހާޒިރު ނުވެވޭ ނަމަ ބަދަލުގައި ހާޒިރުވާ މީހާ ކެންޑިޑޭޓެއްގެ ސިޓީއާ އެކު ހާޒިރުވުމަށް ވަނީ އެދިފައެވެ. އަދި ކެންޑިޑޭޓު ނުވަތަ ބަދަލުގައި ވެސް މީހަކަށް ހާޒިރު ވެވެން ނެތް ނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޒާ އަވަހާރަވުމާ ގުޅިގެން ހުސްވެފައިވާ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ މަގާމަށް އިދިކޮޅު ޕީޕީއެމްއާއި އެމްޑީޕީގެ އިތުރުން އެމްއެންޕީއިން ވާދަކުރެއެވެ. ޕީޕީއެމްގެ ފަރާތުން ރިޒާގެ ކޮއްކޮ ހުސައިން ރިޒާ ވާދަކުރަން ނިންމާފައި ވާއިރު އެމްޑީފީގެ ޕްރައިމަރީ ކާމިޔާބު ކޮށް ޓިކެޓު ހޯދީ މުހައްމަދު ޝާޒްއެވެ. މީގެ އިތުރުން، އެމްއެންޕީއިން ވާދަކުރަނީ ގުރައިދޫ، ފިޔާތޮށިގޭ އަލީ އަރީފެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެޕްރީލު 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށް ބާއްވަން ހަމަޖެހިފައި ވާއިރު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. އަދި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ އެޕްރީލު 19، ވާ ބުދަ ދުވަހުއެވެ.