ފަރެސްމާތޮޑާގެ 22 އަހަރުވީ އިންޖީނުގެ ނިއްވާލާ، އާ އިންޖީނުގެ ހުޅުވައިފިއެވެ.

ފެނަކައިން ބުނީ ބާރުއަޑާއި ބޯދުމާއި ގެނދަބުޅިން ފަރެސްމާތޮޑާގެ ރައްޔިތުންނަށް ވޭނާއި ހިތްދަތިކަން ގެނުވަމުން ދިޔަ 22 އަހަރުވީ އިންޖީނުގެ ނިއްވާލައި މުޅިން އަލަށް އިމާރާތްކޮށް ނިންމި މަރުކަޒީ އިންޖީނުގެއިން ރަށާއި އެއާޕޯޓަށް ކަރަންޓު ދޭން ފަށައިފި ކަމަށެވެ.

އެ ރަށުގައި ކުރިން ހުރި އިންޖީނުގެ ނިއްވާލަދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފެނަކަ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

ފެނަކައިން ބުނީ ކުރިން ހުރި އިންޖީނުގޭގައި ހުރީ 250 ކިލޯވޮޓާއި 400 އަދި 600 ކިލޯވޮޓުގެ ތިން ޖެންސެޓް ނަމަވެސް މިހާރު ހުރީ 400 ކިލޯވޮޓާއި 600 އަދި 800 ކިލޯވޮޓުގެ 3 ޖެންސެޓް ކަމަށެވެ.

އަލަށް އިމާރާތް ކުރާ ހުރިހާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށްފައި ހުންނާނެ ކަމަށް ފެނަކައިން ބުނެއެވެ. ހަމައެއާއެކު ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައިވާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.