ޒަވާޖީ ހަޔާތެއް ކޮންމެ މީހަކުމެ ފައްޓަނީ ނުހަނު ފޮނި އުންމީދުތަކަކާއި ހުވަފެންތަކަކާ އެކުއެވެ. ނަމަވެސް ގިނަ ފަހަރަށް އެ ހުވަފެންތަކުގައި ކުލަ ނުޖެހި ނިމިގެން ދަނީ ދެކެން ބޭނުން ނުވާފަދަ ހިތާމަވެރި ގޮތަށެވެ. އާބާދީގެ ނިސްބަތުން އެންމެ ވަރި ގިނަ ގައުމަކީ ދިވެހިރާއްޖެ ކަމަށް ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ "ގިނިސް ވޯލްޑް ރެކޯޑްސް" އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ރާއްޖޭގެ ކޮންމެ 1000 މީހަކުން 11 މީހުން ވަރިވާ ކަމަށް ރެކޯޑު ކުރެވިފައި ވާއިރު މި ލިސްޓުގެ ދެވަނައިގައި އޮތް ބެލަރޫސް އަދި ތިންވަނައިގައި އޮތް އެމެރިކާގައިވެސް މި އަދަދު އުޅެނީ 4 ގައެވެ.
ނަމަވެސް "އާބާދީގެ ނިސްބަތުން އެންމެ ވަރި ގިނައީ ދިވެހިރާއްޖޭގައި" ކަމަށް ބުނާ ބުނުމުގެ ސައްހަކަމާ މެދު ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ މަޒުމޫނެއްގައި ވަނީ ސުވާލު އުފައްދާފައެވެ. އެ މަޒުމޫނުގައި ޑރ. ހަސަން ލިޔުއްވާފައިވާ ގޮތުގައި "ތަފާސްހިސާބަކީ އެ ހުށަހަޅާ ގޮތުން އޭގައި ބޭނުން ސިފައެއް ޖެއްސިދާނެ" އެއްޗެކެވެ. އަދި ގިނިސް ވޯލްޑް ރެކޯޑްސް ގައި ވަރީގެ އަދަދު ހިމަނާފައިވަނީ ކުރާ ކައިވެނީގެ އަދަދަށް ނިސްބަތްކޮށް ނޫންކަމަށާއި އެއީ މީހުންގެ އަދަދަށް ނިސްބަތްކޮށް ކަމަށް ޑރ. ހަސަން ލިޔުއްވާފައި ވެއެވެ. މީގެއިތުރުން ޔޫރަޕް ފަދަ ގައުމު ތަކުގައި ކައިވެނި ކޮށްގެން އުޅޭ މީހުންގެ އަދަދުވެސް ނިސްބަތުން މަދެވެ. އަދި ކައިވެނި ކުރަނީ އެކުގައި އުޅެ ދަރިން ލިބި ބައެއް ފަހަރު މުސްކުޅިވާ ފަހުންނެވެ. އެހެންކަމުން އެތަންތާ ވަރިވެސް މަދުވާނެތާއެވެ.
ދުނިޔޭގެ ނިސްބަތުން އެންމެ ވަރި ގިނަ ނުވިޔަސް ރާއްޖެ އަކީ ވަރި ގިނަ ގައުމެއް!
ދުނިޔޭގެ ނިސްބަތުން އެންމެ ވަރި ގިނަ ނުވިޔަސް ރާއްޖެ އަކީ ވަރި ގިނަ ގައުމެކޭ ބުނެވިދާނެއެވެ. އެއީ ދިވެހިރާއްޖޭގައި ކުރެވޭ ވަރީގެ ނިސްބަތް އަހަރަކަށް ފަހު އަހަރެއް އިތުރުވަމުން ދާތީއެވެ. 2018 ވަނަ އަހަރަށް ވުރެ 2019 ވަނަ އަހަރު ރާއްޖޭގައި ކުރެވުނު ވަރީގެ އަދަދު 60 ޕަސެންޓް މައްޗެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވާ ދިވެހިރާއްޖޭގައި ކުރެވޭ ކައިވެންޏާއި ވަރީގެ ތަފާސްހިސާބުގައި ވާގޮތުން 2018 ވަނަ އަހަރު 3166 ވަރި ކޮށްފައި ވެއެވެ. އަދި މި އަދަދު 2019 ވަނަ އަހަރު 5117 އަށް ވަނީ އިތުރުވެފައެވެ.
ނިމިދިޔަ 2022 ވަނަ އަހަރު ފެމިލީ ކޯޓުގެ ހިސާބުތައް ދައްކާ ގޮތުން 2514 ކައިވެންޏެއް ކޮށްފައި ވާއިރު، ކުރެވުނު ކައިވެނީގެ ދެބައި ކުޅަ އެއްބައި ވަނީ ވަރިކޮށްފައެވެ. އެގޮތުން 1346 ވަރި ކޮށްފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބު ތަކުން ހާމަވެފައި ވެއެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު 195 ކައިވެންޏެއް ކޮށްފައިވާއިރު 127 ވަރި ކޮށްފައިވާކަމަށް ވެސް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ވަރިކުރުން މިވަނީ ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެގެން ގޮސްފައި ނޫން ހެއްޔެވެ؟
ވަރި ގިނަވާ ސަބަބުތައް ދެނެގަތުން މުހިންމު
ދިވެހިރާއްޖޭގައި ނިސްބަތުން ވަރި ގިނަވެގެން އުޅޭ މައްސަލައިގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟ ކައިވެނީގެ ކުރިން ހޭދަކުރި ވަރަށް މިހާރު ވަގުތު ހޭދަނުކުރެވެނީ ހެއްޔެވެ؟ ކައިވެނީގެ ކުރިން ފޯނުކޮށް ގުޅި ވަރަށް މިހާރު ނުގުޅެނީ ހެއްޔެވެ؟ ކައިވެނީގެ ކުރިން ދިން ވަރަށް މިހާރު ހަދިޔާ ނުދެވެނީ ހެއްޔެވެ؟ ނޫނީ ކުރިން އަޅާލި ވަރަށް މިހާރު އަޅާ ނުލެވެނީ ހެއްޔެވެ؟
ދެމަފިރިންގެ ދެމެދުގައި ކުރެވޭ ޒުވާބުތައް ހޫނުވެގެން ނުވަތަ މާ ގިނައިން ޒުވާބު ކުރުމަކީ ވަރިއާ ހަމައަށް ދާ އެއް ސަބަބެކެވެ. ގިނަފަހަރަށް އެކަކުވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވެއެވެ.
ދުނިޔޭގައި އެންމެ ގިނައިން ވަރިވާން ދިމާވާ އަނެއް ސަބަބަކީ ގެވެށި އަނިޔާއެވެ. މިއީ ރާއްޖޭގައިވެސް އިތުރުވެފައިވާ ކަމެކެވެ. މަސްތުވާތަކެތީގެ ސަބަބުންވެސް ވަރިއާ ހަމައަށް ދަނީ މަދެއްކޮށެއް ނޫނެވެ. އެގޮތުން މަސްތުގެ ހާލުގައި ހުރެގެން ވަރި ކޮށްލަނީއެވެ. ނުވަތަ ފިރިމީހާ މަސްތުވާތީ އޭނާގެ ކައިރިން ސަލާމަތް ވުމަށް އަނބިމީހާ ވަރިއަށް އެދެނީއެވެ. ކައިވެނީގެ ފަހުން އެހެން މީހަކާ ހިތާވެ ނުރަނގަޅު ގުޅުންތައް ބޭއްވުމަކީވެސް މިކަމުގެ ސަބަބެކެވެ. މިހާ ހިސާބުން އުފައްދަން ވީ ސުވާލަކީ 'ޓްރޫ ލަވް' ފެންނަނީ ކައިވެނިކޮށް ދަރިން ލިބޭ ހިސާބުން ހެއްޔެވެ؟
އިސްލާމިކް މިނިސްޓްރީ އާއި ޔޫތު ލީޑާސް ނެޓްވޯކު އަދި ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން "އަ މޮޑެލް ފޯ ޔޫތު" ގެ ނަމުގައި ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި 2015 ވަނަ އަހަރު ވަނީ ދަރުހެއް ބާއްވާފައެވެ. މި ދަރުހުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މުސާ މެންކް ވަނީ ދިވެހިރާއްޖޭގައި ވަރީގެ ނިސްބަތް އިތުރުވެފައިވާ މިންވަރު އެނގިވަޑައިގަތުމުން ހިތާމަ ކުރެއްވި ކަމަށާއި، އެކަމުން ދޭހަވަނީ ދިވެހިން ކައިވެނި ކުރަނީ އެކަން ކުރަން ޖެހޭ ސަބަބު ނޭނގިކަމަށް ވިދާޅުވެފައެވެ. އަދި ކައިވެނި ކުރުމުން މިނިވަން ދިރިއުޅުމެއް ނޫޅެވޭނެ ކަމަށް މީހުން ދެކޭ ކަމަށާއި ދުނިޔެ ދަސްކޮށްދެނީ އެފަދައިން ކަމުގައި ވީނަމަވެސް "ޒިންމާތަކާއެކު ވެސް މަޖާކުރެވިދާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.
ކައިވެންޏެއް ދެމިއޮތުމުގައި އެތަކެއް ސިއްރުތަކެއްވޭ
ކައިވެނީގެ ގޮށް ނުމޮހި ދެމިގެން ދާނީ ދެމަފިރިންގެ ތެރެއިން ކޮންމެ މީހަކުވެސް އެކަމަށް މަސައްކަތްތަކެއް ކޮށްގެންނެވެ. ދިރިއުޅުމުގައި ކޮންމެ ދެ މީހެއްގެ ދެމެދުގައިވެސް ތަފާތު މައްސަލަތައް ޖެހޭނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. ނަމަވެސް މައްސަލަ ހައްލުކުރުމުގެ ހުނަރު ހުންނަން ޖެހޭނެއެވެ. އެކަކު އަނެކަކަށް ދޫ ދިނުމަކީ މުހިންމު ކަމެކެވެ. ކައިވެނީގައި ދިމާވާ ހުރިހާ މައްސަލައެއް ތިންވަނަ ފަރާތަކާ ހިއްސާކުރުމުގެ ބަދަލުގައި ދެމީހުން އެކުގައި ގޮންޖެހުންތަކާ ކުރިމަތިލާ ގުޅިގެން މައްސަލަ ހައްލުކުރަން އުޅުމުން ވިލުންވެރި ކައިވެންޏަކަށް މަގުފަހިވާނެއެވެ. ދެމަފިރިން އެކަކު އަނެކަކަށް އިހުތިރާމުކޮށް ވަގުތު ދިނުމަކީ ކުރަން ޖެހޭ ކަމެކެވެ. ދަތި ހާލަތްތަކާއި އުނދަގޫ ވަގުތުތަކުގައި ބައިވެރިޔާއަށް އިހްތިރާމު ކުރުމަކީ އޭނާގެ އަގު ވަޒަންކޮށް ލޯބިވާކަން އިހުސާސް ކުރެވޭނެ ކަމެކެވެ.
ދެމަފިރިން އެކަކު އަނެކަކަށް އިތުބާރު ކުރުމަކީ ކައިވެންޏެއް ދަމަހައްޓަން ކުރަންޖެހޭ މުހިންމު ކަމެކެވެ. އެކަކު އަނެކެއްގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ނުކުރުމަކީވެސް މުހިންމު ކަމެކެވެ. ސަބަބަކީ އިތުބާރަކީ ގެއްލިއްޖެނަމަ އަލުން ހޯދަން އުނދަގޫ އެއްޗަކަށް ވާތީއެވެ. ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ތިމާގެ އަމަލުތައް ބަހައްޓާށެވެ. މީގެ އިތުރުން އެންމެ ބޮޑު އިސްކަމެއް ދޭންވީ ދީނުގެ ކަންކަމަށް ފަރުވާތެރި ވުމަށެވެ. އަޅުކަންތަކަށް ސަމާލުވެ، ފިރިމީހާ އަނބިމީހާގެ އަދި އަނބިމީހާ ފިރިމީހާގެ ހައްގުތަކަށް ރައްކާތެރިވާށެވެ. އޭރުން ބާއްޖަވެރި ކައިވެންޏަކަށް މަގުފަހިވެގެން ދާނެއެވެ.
ކައިވެންޏަކީ ދެމީހެއްގެ ދެމެދު ވެވޭ ވަރަށް މާތް އަހުދެކެވެ. އެހެން ކަމުން ދިމާވާ ކުދިކުދި ކަންކަމުގައި ވަރި އާ ހިސާބަށް ދިއުމުގެ ބަދަލުގައި މައްސަލަ ހައްލުކޮށް އަލުން އެކުގައި އުޅޭށެވެ. އެކީގައި ހަޔާތް ވޭތުކުރުމަށް އަތުގައި ހިފި ބައިވެރިޔާ އަކީ ތިމާގެ ހަޔާތުގެ އެންމެ މުހިންމު މީހާ ކަމުގައި ހަދާށެވެ.
ހުރިހާވެސް ކަމަކީ ކައިވެނީގެ ކުރިން ކައިވެނީގެ ފަހުން ކުރަން ޖެހޭ ކަންކަން ކޮށް.. އަންހެން ކުއްޖާގެ އަތުގަވާ އެންމެ އަގުބޮޑު ހަޒްނާ... ކައިވެނީގެ ކުރިން ހަދިޔާ ކުރުން.. އެކުގަ ގިނަ ވަގުތު ހޭދަ ކޮށް ފޫހިވެ ބަރަކާތް ކެނޑިފަވާ ހާލު ކައިވެނި ކުރަނީ.. ދޭންވާނީ ވަރިއެން..
ދެއްކުންތެރިކަން، ދެ އަންބަށް ނުއިނުމަށް މައިންނާއި ރައްޓެހިން ނުފޫޒު ފޯރުވުން. ދީނީގޮތުން ގަބޫލުކުރަނީ ދީނުގަ ހުރި ތިމާ އެދޭ ކަންނަން. ދީން އެއްކޮށް ގަބޫލެއް ނުކުރޭ، 2 އަނބި ބައި ދީނުން ބޭރުވެ، ސުންނަތަށް ހަޖޫ ޖެހޭއިރު ވެސް ދެއްކުންތެރިކަމާއި އެކު ތިތުގަހުރުން..
ގެދޮރުގެ ދަތިކަން ވެސް އަދި. އާއިލީ ނުފޫޒްވެސް