ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް ހޯމަ ދުވަހު ޓެސްޓު ފްލައިޓް ޖައްސަން ތައްޔާރު ވެއްޖެއެވެ.
ފަރެސްމާތޮޑާ އެއާޕޯޓުގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުގައި ބުނެފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު މެންދުރު ފަހު 3:45 ގައި ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓު ފުލައިޓް ޖައްސަން މިހާރު ވަނީ ފައިނަލް ކުރެވިފައިވާ ކަމަށާއި ޓެސްޓު ފްލައިޓްގެ ގޮތުގައި ޖައްސަން ހަމަޖެހިފައި ވަނީ މޯލްޑިވިއަންގެ ފުލައިޓް ނަންބަރު Dash-8 300 ކަމަށެވެ.
ފަރެސްމާތޮޑާ އެއާޕޯޓު އޮޕަރޭޝަނަށް ގެނައުމުގެ ފަހުގެ ތައްޔާރީތައް ވާން ފަށާފައިވާ ކަމަށް މީގެ ކުރިން އެމްޓީސީސީ އިން ބުނެފައި ވާއިރު ރަސްމީކޮށް އެ އެއާޕޯޓު ހުޅުވަން ނިންމާފައި ވަނީ ބުދަ ދުވަހުއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ އުމްރާނީ ތަރައްގީގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށާއި އެއާޕޯޓްގެ ފަޔަރަށް ބޭނުންވާ ފަޔާ ލޮރީ މިހާރު އެރަށަށް ގެންދިޔުމުގެ ދަތުރު ފަށާފައިވާ ކަމަށެވެ.
އެއާޕޯޓްގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަަވަރުގެ ރާޑަރާއި އަދި ރަންވޭގެ ލައިޓިން ސިސްޓަމްތައް ދިއްލާ މިހާރު ޓެސްޓުކޮށްފައި ވާއިރު މި މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތް ކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމު ކުރުން ހިމެނެއެވެ. ހަމައެއާއެކު ފަޔާ ބިލްޑިން އެއް އިމާރާތް ކުރުމާއި ޓާމިނަލް ބިލްޑިން އެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.