ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޒާ އަވަހާރަވުމާ ގުޅިގެން ހުސްވެފައިވާ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ މަގާމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަނީ ރިޒާގެ ކޮއްކޮ ހުސައިން ރިޒާ ކަމަށް ނިންމައިފިއެވެ.

އެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް 4 ފަރާތަކުން ކުރިމަތިލުމާ ގުޅިގެން އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ މި އަންނަ ހޮނިހިރު ދުވަހެވެ.

އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވަނީ:

  • މުހައްމަދު މުސްތަފާ - ވިވިޑް / ކ. މާފުށި
  • ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި
  • އިބްރާހިމް ޝާޒް – ހ. ތާޅަފިލިގެ / މާލެ
  • އަބްދުﷲ ސައީދު – ވެލި / ކ. ގުރައިދޫ

އެމްއެންޕީގެ މީޑިއާ އޮފިޝަލަކު "ދަ ޕްރެސް" އަށް ވިދާޅުވީ އެ ޕާޓީގެ ޓިކެޓުގައި ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރުކަމަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ އެންމެ ގުރައިދޫ، ފިޔާތޮށިގޭ އަލީ އަރީފް ކަމަށެވެ. އަދި އަލީ އާރިފަކީ ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅެއް ކަމަށް އެމްއެންޕީއިން ބުނެއެވެ.

އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަން ޕްރައިމަރީ އަށް ހުޅުވާލުމުން ކުރިމަތިލައްވާފައިވަނީ ރިޒާގެ ކޮއްކޮ ހުސެއިން ރިޒާ އެކަނި ކަމަށާއި ރިޒާގެ ކޮއްކޮ އަކީ އެކަމަށް އެންމެ ގާބިލު ކެނޑިޑޭޓް ކަމަށާއި އެހެން ރިޒާގެ ކޮއްކޮއަށްވުރެ ވަކި ގާބިލު ކެނޑިޑޭޓަކު އެހެން ޕާޓީއަކަށް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

މި މަހުގެ 13 ވަނަ ދުވަހަކީ އެ މަގާމަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާ ދުވަހެވެ. އިންތިހާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑަކީ މި މަހުގެ 26 ވަނަ ދުވަހުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑަކަށް ވާންޖެހޭއިރު ފޯމު ހުށަހަޅަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ ފޯމު ހުށަހަޅާ ފަރާތަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ގެންދަން ޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމުގެ އިތުރުން ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް އިލެކްޝަން ކޮމިޝަނުގެ 5 ވަނަ ފަންގިފިލާގެ (ރިސެޕްޝަން)އިން އަދި މިކޮމިޝަންގެ ވެބްސައިޓްއިން ޑައުންލޯޑުކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެޕްރީލު 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށް ބާއްވަން ހަމަޖެހިފައިވާއިރު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. އަދި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލު 19، ވާ ބުދަ ދުވަހުއެވެ.