ހއ. ދިއްދޫގައި އިމާރާތްކުރާ ޖޫނިއާ ކޮލެޖުގެ އިތުރުން ރ. އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރުގެ 90 ޕަސެންޓް ނިމި އެތަން އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ތަންތަން އޮޕަރޭޓް ކުރުމަށް ހަވާލުކުރާނީ ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތްތަކެއް ނިންމުމަށް ފަހު ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ. ނަމަވެސް އިމާރާތްތަކަށް ބޭނުންވާ ހުރިހާ ފަރުނީޗަރާއި އިކުއިޕްމެންޓްތަކާއި ފިޓިންގްސް ހޯދާ އިންސްޓޯލު ކުރުމުގެ އިތުރުން ޕްރީ އޮޕަރޭޝަނަލް ސްޓޭޖުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަން ޖެހޭނީ އޮޕަރޭޓްކުރުމަށް ހަވާލުވާ ފަރާތުންނެވެ.

ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖް ހާއްސަ ކޮށްފައި ވަނީ ފުޑް ޕްރޮސެސިން ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އަދި އަލިފުށީ ޓިވެޓް ސެންޓަރު ހާއްސަ ކޮށްފައި ވަނީ ބޯޓް ބިލްޑިންގް ދާއިރާގެ ކޯސްތައް ހިންގުމަށެވެ. އެގޮތުން އެ އިންސްޓިޓިއުޓްތަކުގައި ހިންގުމަށް ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ހާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީ ހުންނާނެއެވެ. މީގެ އިތިރުންވެސް އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތަކުގެ އިތުރުން ލައިބްރަރީ ވެސް ހިމެނެއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ހއ.ދިއްދޫގައި އިމާރާތް ކުރާ ޖޫނިއާ ކޮލެޖްގެ ކުރެހުމެއް

މި މަޝްރޫއުތަކަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓް ތަކެކެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކުރުމުގެ މަގްސަދުގައި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ކ. ތުލުސްދޫގައި ޕޮލިޓެކްނިކެކާއި ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކޮށް ހިންގުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހަވާލުކޮށްފައެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާޗް 27، 2023 ވާ ހޯމަ ދުވަހުގެ 1 ގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީން އެދެއެވެ. އަދި އީއޯއައި އާ ގުޅޭ ޓެންޑަ ޑޮކިއުމެންޓްތައް މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.