އެންމެ ފަހުން އެތެރޭގެ ކޯޅުން ބޮޑުވެ، އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ޕާޓީން ވަކިވެވަޑައިގަންނަވާނެ ކަމުގެ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގައި މިއަދު ދައްކަވައިފިއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ ޕާޓީގެ ސިޔާސަތުތަކާ ހިލާފު ބިލެއް ކަމަށް ވިދާޅުވެ، މަޖިލީހުގައި މިއަދު ބަހުސްކުރި ފުލުހުންގެ ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާ ބިލާ ގުޅިގެން ސަރުކާރާ މެދު ނުރުހުން ފާޅުކުރައްވައިފައެވެ. ސަރުކާރުން ހުށަހަޅާފައި ވަނީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާ އާއި 100 ވަނަ މާއްދާ އިސްލާހުކުރުމަށް ހުށަހަޅައިފައެވެ. މިހާރު އެ ދެ މާއްދާ އޮންނަ ގޮތުން:

  • 17 ވަނަ މާއްދާ: ފުލުހުންގެ ވަޒީފާ އަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ވަޒީފާއެއް ކަމަށް ވުމުން، ފުލުހުންގެ އެއްވެސް ވަޒީފާ އަކަށް މުވައްޒަފަކު ހޮވުމުގެ ކުރިން، ބެކްގްރައުންޑް ޗެކެއް ހެދުން ލާޒިމް
  • 100 ވަނަ މާއްދާ (ކ): ތަހްގީގުކުރުމުގެ ހުއްދަ ދެވޭ ފުލުހަކީ އެ ދާއިރާ އާ ގުޅުންހުރި ދާއިރާއަކުން ފުލުހުން ގަބޫލުކުރާ ފަދަ ޑިޕްލޮމާގެ ސަނަދެއް ހާސިލްކޮށްފައިވާ ފުލުހަކަށް ވުން، މި ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން އެ އަކުރަށް އަމަލުކުރުން ދެ އަހަރު ދުވަހަށް ފަސްކުރުމުގެ އިހްތިޔާރު ސީޕީ އަށް ލިބިގެންވޭ

އެ ދެ މާއްދާ އަންނަނިވި ގޮތުގައި އިސްލާހުކުރުމަށް ސަރުކާރުން ވަނީ ހުށަހަޅައިފައެވެ. އެ ދެ ގޮތަކީ:

  • 17 ވަނަ މާއްދާ: ބެކްގްރައުންޑް ޗެކްކުރުން ހަދާ ކޮންމެ ހާލަތެއްގައި އެ ހުރިހާ ކަމެއް ފުރިހަމަކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނުފެންނާތީ އެކަން އިހްތިޔާރަކަށް ހެދުމަށް
  • 100 ވަނަ މާއްދާ: ދީފައިވާ ދެ އަހަރުގެ މުއްދަތުގައި ފުލުހުންނަށް ތަމްރީން ނުނިމިދާނެތީ އެ މުއްދަތު މާޗް 27، 2024 އަށް މުއްދަތު އިތުރުކުރުމަށް

އެ ބިލަށް ބަހުސްކުރެއްވި މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށަހެޅީ ކޮންމެހެން ހުށަހަޅަން ޖެހޭ އިސްލާހުތަކެއްނޫން ކަމަށެވެ. އެ މެންބަރުން ތުހުމަތުކުރައްވާ ގޮތުގައި މި އިސްލާހަކީ ސަރުކާރުން އިންތިހާބާ ދިމާކޮށް މީހުންނަށް ވަޒީފާ ދޭން ނުބައި ނިޔަތެއްގައި ގާނޫނަށް ގެނައި އިސްލާހެކެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހަޅުއްވައި، އެއީ ސަރުކާރުން ހުށަހެޅި ބިލެއް ނަމަވެސް ކޮންމެހެން އެ ބިލާ އެއްކޮޅަށް ވޯޓު ދޭން ނުޖެހޭނެ ކަމަށެވެ. އެއީ ވިޕްލައިނާ ހިލާފުވުން ކަމަކަށް އީވާ ދެކެވަޑައިނުގަންނަވައެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެމްޑީޕީގެ އަސާސްތަކުގައި ހިފަހައްޓައިގެން މި ތިބެނީ،"

ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ، މިއަދު ހުށަހަޅާފައި އޮތް ފުލުހުންގެ ގާނޫނަށް ހުށަހެޅި އިސްލާހު އެއްގޮތަކަށް ވެސް މިހާރުން މިހާރަށް ފާސްކުރުމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ދެން އަޅުގަނޑުމެންގެ ޕާލިމަންޓްރީ ގްރޫޕުން ނެރޭނީ ވިޕްލައިނެއް، ނެރެފަ ބުނާނީ ހިލާފުވީއޭ، ހިލާފުވާން ވެއްޖިއްޔާ ވާނެ، އަޅުގަނޑުމެން މި މަސައްކަތްކުރަނީ ދިވެހި ރައްޔިތުންނަށްޓަކައި ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، އަޅުގަނޑަށް ވަރިހަމަ ކޮންމެ ފިޔަވަޅެއް އެޅިޔަސް، އަޅުގަނޑަށް އެންމެ ރަނގަޅީ ތިޔަ ޕާލިމަންޓްރީ ގްރޫޕުން އަޅުގަނޑު ވަކިކޮށްދެއްވިއްޔާ،"

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ، އެމްޑީޕީގެ ސްޓޭންޑަޑެއް މިއަދު ހުށަހެޅި ބިލުގައި ނެތް ކަމަށެވެ. ހަމަ އެއާއެކު، އެމްޑީޕީގެ ލޯގޯ އިން ރަމްޒުކޮށްދޭ އިންސާފާއި ނަޒާހާތްތެރިކަން ޕާޓީން ނުފެންނާތީ އެ ޕާޓީން ވަކިވުމާ ގުޅޭގޮތުން ނަޝީދާ އެކު މަޝްވަރާކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ސްވިސް ޗޮކްލެޓުގަ ވެސް އެ ޓޮބްލެރޯންގަ ވެސް އެ ސްޓެންޑާޑް ނެތިގެން މިހާރު ސްވިސް މައުންޓެއިން ނަގާ ގޮތަށް ނިންމައި އެ ސްޓެންޑާޑް ނެތީމަ، އެހެންވީމަ އެ ސްޓޭންޑަޑަށް ރުޖޫއަވީމަ އަޅުގަނޑު އަނބުރާ އަލުން ޕާޓީ އަށް ވަންނަ ގޮތަށް އަޅުގަނޑު ބޭނުން ރައީސާ ހަމަ ސީރިޔަސްކޮށް މަޝްވަރާކުރަން، ދެން އަޅުގަނޑު ހުންނާނީ ދުރުގަ،"

އެތެރޭގެ ކޯޅުން ބޮޑުވެ، ދެފަޅިވެފައިވާ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ގޮތްޕެއް ހައްދަވައިފައެވެ. ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތް ނަޝީދު ބަލި ގަބޫލުފުޅުކުރެއްވި ނަމަވެސް، އެމަނިކުފާނި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަން ހާމަކުރައްވައިފައެވެ.