މިދިޔަ އަހަރުގެ މޭ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ލަސްވާ އެކަށީގެންވާ ސަބަބެއް ޝަރުއީ އިދާރާތަކަށް ބުނެ ނުދެވޭ ކަމަށް އެ މައްސަލަ ކުރިއަށްދާގޮތް މޮނީޓާ ކުރަން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

އައްބާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ރެޖިސްޓަރާ ހަސަން ރަޝީދާ އޭނާ މިދިޔަ ހަފުތާގައި ބައްދަލުކޮށް، ހަމަލާގެ ޝަރީއަތުގެ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރި ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތް ލަސްވާން ޖެހޭ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ރާއްޖޭގެ ޝަރުއީ އިދާރާތަކަށް ދެއްކިފައެއް ނެތް ކަމަށް އައްބާސް ވިދާޅުވިއެވެ.

ނަޝީދަށް ހަމަލަދިން މީހުންގެ ޝަރީއަތް ލަސްވުމުން، މަޖިލީހުން ވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

2021 ވަނަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅުން ނުކުމެވަޑައިގެން، މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް އައިއީޑީ ގޮއްވާލި ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ.

އެ ދުވަހު ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށާއި އިނގިރޭސިވިލާތަށެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މީހުންނަކީ:

  • ގއ. ކޮނޑޭ / ފޮޅޭމާ، ތަހުމީން އަހްމަދު
  • ނ. މަނަދޫ / ނޫރީގޭ އަލީ ހައިޝަމް
  • މއ. ފޭރުގެ، މުޖާޒް އަހްމަދު
  • މ. ކުދެހިގެ، އިސްހާގު
  • އއ. މާޅޮސް / އަސަރީގެ، މުހައްމަދު ނާޒިމް
  • ގއ. ވިލިނގިލި / ހުދުރުވާގެ، ފަހުމީ އަލީ

އެ މައްސަލައިގައި ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލި ކަމަށް އަދުހަމް ވަނީ އިއުތިރާފްވެފައެވެ. އެހެންވެ އޭނާގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.