މިހާރު ކޮންމެ ދާއިރާއަކަށް ނަޒަރު ހިންގާލިޔަސް އަންހެނުންގެ ހުނަރުވެރިކަން ފެނިގެންދާ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ދަރިންގެ ޒިންމާ އަދާކުރަމުން، ގޭގެ ކަންކަން ފުރިހަމައަށް ބަލަހައްޓަމުން ވެސް ފަސްޖެހުމެއް ނެތި އަންހެންވެރިން ކުރާ މަސައްކަތަކީ ކޮންމެ މީހަކުވެސް ފަހުރުވެރިވާނެ ކަމެކެވެ. އެކަނިވެރި މައެއްގެ ގޮތުގައި އުޅެމުންވެސް، ދެކެން ބޭނުންވާ ހުވަފެނެއް ހަގީގަތަކަށް ހެދުމަށް ފައިތިލަ ސާބިތުކޮށްގެން ތިބި އަންހެންވެސް މަދެއް ނޫނެވެ. އެގޮތުން މާލެ ސިޓީއަށް އުފަން އުމުރުން 35 އަހަރުގެ ޝަމްރާ ސަލީމް (ޝަމް) އަކީ ފާހަގަކޮށްލެވޭ ހުނަރުވެރި އަންހެނެކެވެ.
ކުޑައިރުއްސުރެ ފިޓްނަސްގެ ދާއިރާއަށް ވަނުމަށް ޝަމް ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހިގެ ދިޔައީ މީގެ 9 އަހަރު ކުރިން، 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެއިރުން ފެށިގެން މިއަދާ ހަމައަށްވެސް ދިމާވާ ކޮންމެ ހުރަހެއް ގިރާކޮށް ރާސްތާ ބަދަލުކުރުމެއް ނެތި ޝަމް ދަނީ އެ ދާއިރާއިން ކުރިއަށެވެ.
ޝަމްގެ ދައްތަމެން ސްޓެޕް އެރޮބިކްސް ހަދާތަން ފެނި އުފެދުނު ޝައްގުވެރި ކަމާއެކު ކުޑައިރުންސުރެ ފެށިގެން ޝަމް ދެކެން ބޭނުންވީ ޕިޓްނަސްގެ ދާއިރާއިން އިންސްޓްރަކްޓަކަރަށް ވެވޭނެ ދުވަހެކެވެ. ކުޑައިރުންސުރެ ނެށުމަށް ޝައުގުވެރިކަން ހުންނަ ޝަމް ބުނާ ގޮތުގައި 2011 ވަނަ އަހަރު އޭނާ އެންމެ ފުރަތަމަ ވަނީ ސްޓެޕް އެރޮބިކްސް ކްލާހަކަށެވެ. އެއަށްފަހު 2012 ވަނަ އަހަރު ޒުމްބާ ކްލާސްތައް ފެށުމުން އެ ކްލާސްތަކުގައި ވެސް ޝަމް ބައިވެރިވިއެވެ. އެހެންނަމަވެސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ޝަމް ފިޓްނަސްގެ ދާއިރާއަށް ނިކުމެފައި ވަނީ ޓްރެއިނިންތައް ފުރިހަމަ ކުރުމަށް ފަހު 2014 ވަނަ އަހަރުގެ ތެރޭގައެވެ.
ޝަމް ބުނީ ޓްރެއިނިން ހެދުމަށް ފަހު ކްލާސްތައް ފެށިތާ މަސް ދުވަސް ނުވަނީސް އޭނާ ބަލިވެއިން ކަން އެނގުނު ކަމަށާއި އެކަމާ ގުޅިގެން ވަރަށް ބޮޑަށް ބަލިވެ ދުވަސްކޮޅަކަށް މެދުކަނޑާލަން ޖެހުނު ކަމަށެވެ. އަދި ވިހެއުމަށް ފަހު ދަރިފުޅަށް އަހަރު ނުވަނީސް ޖިމަށް ގޮސް ކްލާސްތައް ނަގައިދޭން ފެށި އިރު ދަރިފުޅު ބަލައިދީ ހެދީ އޭނާގެ ދެ ދައްތަ ކަމަށެވެ. އެހެންނަމަވެސް ދަރިފުޅަށް އަހަރުވުމުން ދަރިފުޅުގެ ގާތުގައި މަަޑުކޮށްލާނެ މީހަކު ނެތް ދުވަސް ދުވަހު ޝަމް އޭނާގެ ދަރިފުޅު ގޮވައިގެންވެސް ޖިމަށް ގޮސްފައި ވެއެވެ. އޭރު ޝަމް ޖިމަށް ދަނީ ހަފްތާއަކު ތިން ދުވަހު ކަމަށް ވާއިރު އޭނާގެ ދަރިފުޅު ޖިމްގައި ބަލައިދެނީ އެތަނުގައި މަސައްކަތް ކުރާ ރިސެޕްޝަނިސްޓެއް ކަމަށާއި އެއީ އޭނާގެ ރައްޓެއްސެއް ކަމަށް ޝަމް ބުންޏެވެ.
މިހާތަނަށް ގިނަ ފިޓްނަސް ޖިމްތަކުގައި ޝަމް މަސައްކަތް ކޮށްފައި ވާއިރު އޭނާ ވަނީ ތަފާތު އެކި ޕްރޮގްރާމްތައް އެ ދާއިރާއިން ފުރިހަމަ ކޮށްފައެވެ. އެގޮތުން ޒުމްބާ އާއި ބޮޑީ ޕަމްޕާއި ޕައުންޑް ޕްރޯ އާއި ޕާސަނަލް ޓްރެއިނިންގެ އިތުރުން ޑިޕްލޮމާ އިން ސްޕޯޓްސް ރިހެބިލިޓޭޝަންގެ ޕްރޮގްރާމެއް ޝަމް ވަނީ ފުރިހަމަ ކޮށްފައެވެ. މީގެ އިތުރުން ފަލަވުމާއި ބަރުދަން ބެލެހެއްޓުމުގެ ހާއްސަ ޕްރޮގްރާމަކާއި ހައިބްރިޑް އިންޓަވަލް ޓްރެއިނިން ޕްރޮގްރާމެއްގެ އިތުރުން ޕްރީ ޕޯސްޓްނެޓަލް ޓްރެއިންގެ އިތުރުން އެފްއީއޭ ހެލްތު އެންޑް ފިޓްނަސް ނިއުޓްރިޝަން އެންޑް ޕީރިއަމަންސް ނިއުޓްރިޝަންގެ ޕްރޮގްރާމެއްވެސް ޝަމް ވަނީ ފުރިހަމަ ކޮށްފައެވެ.
ސްކޫލްތަކުގައި ފާހަގަކުރާ ދުވަސްތަކަށް ނުވަތަ ސްކޫލްތަކުގެ އެދުމުގެ މަތިން ފިލާވަޅަކާ ގުޅުވައިގެން ޝަމް ކްލާސްތައް ނަގައިދީ ހަދައެވެ. ފުލް ޓައިމް އިންސްޓްރަކްޓަރެއްގެ ގޮތުގައި މިހާރު އަންހެނުންނަށް ހާއްސަ ޖިމެއް ކަމަށްވާ ވީރުގައި، ޝަމް މަސައްކަތް ކުރަމުން އަންނައިރު އޭނާ ވަނީ ވީރު ޓީމާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށާއި ވީރުގެ ފައުންޑާ، ޒައިނަބް މަންސޫރަކީ މިހާތަނަށް ދިމާވި އެންމެ ރަނގަޅު ބޮސްގެ ގޮތުގައި ފާހަގަ ކޮށްފައެވެ. އަދި ޝަމް ބުނީ އަންހެނުންނަށް ހާއްސަ ޖިމްތައް ހުޅުވިގެން ދިއުމަކީ މި ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށާއި އަންހެނުންނާއި ފިރިހެނުން އެއްކޮށް ދާ ޖިމްތައް ހުރުމުން ގިނަ ބަޔަކު ފަސް ޖެހޭ ކަމަށެވެ.
މިއަދު ޝަމް އަކީ ތިން ކުދިންގެ މަންމައެކެވެ. އެކަނިވެރި މައެއްގެ ގޮތުގައި ތިން ކުދިން ބަލަމުން އަންނައިރު ޝަމް ބުނީ އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަން އަކީ އޭނާގެ މަންމަ ކަމަށެވެ. ޝަމް ބުނީ އޭނާގެ މަންމައަކީ ހުރިހާ ކުދިންގެ ކަންތައްތައް އެކަނި ކުރަމުން އައި ހީވާގި އަންހެނެއް ކަމަށާއި ދިރިއުޅުމަކީ ހަނގުރާމައެއް ކަމަށާއި ހިތްވަރާއެކު ކުރިމަތިލައިގެން މަސައްކަތް ކުރުމުން ކާމިޔާބުވާނެ ކަމަށް ބުނެ މަންމަ އަބަދުވެސް ނަސޭހާތް ދީ ހަދާކަމަށެވެ. ހިތްވަރު ގަދަވެ ކަންކަމާ ކުރިމަތިލާން ޝަމްއަށް ދަސްވީ މަންމަގެ ފަރާތުންކަން ފާހަގަކޮށް ޝަމް ބުނީ އެ ހުރިހާ ކަމަކާއެކުވެސް މަންމަ އަކީ މީގެ ކުރިން ގަވާއިދުން ޔޯގާ ހަދަމުން އައި މީހެއް ކަމަށެވެ.
ޝަމް ބުނީ ތިން ކުދިން ގޮވައިގެން އެކަނި އުޅެން ދަތިވި ނަމަވެސް އެކަމުގައި އޭނާގެ ދެ ދައްތަ ކަމަށްވާ، ތިއްތައްތަ އަދި ނާނަ ގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ. އަދި މި ދާއިރާއަށް ނިކުތުމަށް ފަހު އެނބުރިދާން ބޭނުން ނޫން ކަމަށާއި އެހެން ހުރިހާ ކަމެއް ހުއްޓާލުމަށްފަހު ވެސް މި ދާއިރާގައި އުޅެން ބޭނުންވާ ކަމަށް ޝަމް ވަނީ ބުނެފައެވެ.
ޝަމް ބުނީ އޭނާއަށް ދިރިއުޅުމުގައި މީގެ ކުރިން ތަފާތު ގިނަ ގޮން ޖެހުންތަކެއް ކުރިމަތިވި ކަމަށާއި ތިން ދަރިން ގޮވައިގެން އެކަނި އުޅުމަކީވެސް އުނދަގޫ ކަމެއް ކަމަށެވެ. އަދި ފިޓްނަސްގެ ދާއިރާ ދޫކޮށްލަން ޖެހޭ ފަދަ މަޖުބޫރީ ހާލަތްތަކެއްވެސް ދިރިއުޅުމުގައި މީގެ ކުރިން ދިމާވި ނަމަވެސް ކުރިއަށްދާން ބޭނުންވި ކަމަށް އޭނާ ބުނެއެވެ.
ޝަމް ބުނީ މި ދާއިރާއަށް ނިކުމެވުމަކީ މީހުންގެ ތެރެއަށް ނިކުތުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވީ ކަމަށެވެ. އަދި ކުރިއާ އަޅާބަލާ، މި ދާއިރާއަށް ނިކުންނަ މީހުން ގިނަ ވެފައި ވަނީ ހޭލުންތެރިވެފައި ވުމުން ކަމަށާއި މި ދާއިރާއަށް ގިނަ އަންހެން ކުދިންތަކެއް ނިކުންނާތީ ވަރަށް އުފާވާ ކަމަށް ވެސް ޝަމް ވަނީ ބުނެފައެވެ.
ކަސްރަތުކުރަން އަލަށް ފަށާ މީހުންނަށް ޝަމްގެ ނަސޭހަތް:
- ޑައިޓޭ ބުނެ، ނުކައި ނުހުރުން.
- ކެއުމުގައި ޕޯޝަން ސައިޒް ކޮންޓްރޯލް ކުރުމަށް ފަހު ނިއުޓްރިޝަން ގިނަކޮށް ކެލަރީ މަދު ތަކެތި ހިމެނުން.
- ސިއްހަތަށް ފައިދާ ނުކުރާ ފަލަވާ ޒާތުގެ ކާނާއާ ދުރުހެލިވުން.
- ހެލްތީ ލައިފްސްޓައިލް އަކަށް ބަދަލުކޮށްލުން.
- ކަސްރަތާއި ކެއުމަށް ގެންނަ ބަދަލާއެކު ނިދުމާއި އަރާމުކުރުމަށް އިސްކަން ދިނުން.
މާބަނޑު ދުވަސްވަރާއި ވިހެއުމަށް ފަހު ހަށިގަނޑަށް އަންނަ ބަދަލުތަކާއި ކުރިމަތިވާ އުނދަގޫތައް ކުޑަކުރުމަށް ކަސްރަތަކީ މުހިއްމު އެއްޗެއްކަން ފާހަގަ ކުރަމުން ޝަމް ބުނީ ސިއްހީ މައްސަލައެއް ނެތް ނަމަ މާބަނޑު ވެ ފުރަތަމަ ޓްރައިމިސްޓާ (ފުރަތަމަ 13 ހަފްތާ) ތެރޭގައި ވެސް ކަސްރަތު ކުރަން ފެށޭނެ ކަމަށާއި މާބަނޑު ވުމުގެ ކުރިން ހެވީ ލިފްޓިން ހެދި މީހެއް ނަމަ މާބަނޑު ދުވަސްވަރުވެސް ހެވީ ލިފްޓިން ހެދޭނެ ކަމަށެވެ. އަދި ވިހެއުމަށް ފަހު 3 ނުވަތަ 4 މަސް ތެރޭގައި އެއްވެސް ސިއްހީ މައްސަލައެއް ނެތް ނަމަ ކަސްރަތު ފެށޭނެ ކަމަށާއި އެހެންނަމަވެސް ސިޒޭރިއަން ހަދައިފި ނަމަ އިތުރަށް ދުވަސް ބޭނުންވާނެ ކަމަށް ޝަމް ބުނެއެވެ.
ޝަމް ބުނީ ބޭނުންވާ އަމާޒަށް ވާސިލް ނުވެވި ގިނަ ބަޔަކު މާޔޫސްވެ، ހިތްވަރު އެލޭ ކަމަށާއި އެހެންނަމަވެސް ހިތްވަރާއެކު މަސައްކަތް ކޮށްގެން އަމާޒަށް ވާސިލު ވާނެ ކަމަށާއި އެކަމަށް ވަގުތު ބޭނުންވާނެ ކަމަށެވެ.
ހަށިގަނޑު އެއް ވަރެއްގައި ހިފެހެއްޓުމަށް ގިނަ ބަޔަކަށް ކަސްރަތު ނުކުރެވި ދަނީ ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް ގިނަވެ، ވަގުތު ނުލިބުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަ ކުރެއެވެ. ކަސްރަތު ފެށުމަށް ބޭނުންވެ ވަގުތު ނުވުމުގެ ސަބަބުން ނުފެށި އުޅޭ އެންމެންނަށް ވެސް ޝަމް ދޭން ބޭނުންވާ މެސެޖަކީ ވަގުތު ހޯދައިގެން ހަފްތާއަކު ތިން ދުވަހު ގަޑިއެއްގެ އިރަށް ވިޔަސް ކަސްރަތު ކުރުން މުހިއްމު ކަމަށާއި ވަޒީފާއަށް ބަލާފަދައިން ހަށިގަނޑަށް ބެލުން މާ މުހިއްމު ކަމަށެވެ.
ތިން ވަނަ ދަރިފުޅު ވިހެއުމަށް ފަހު ޝަމްގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް މިއަދު ހަށިގަނޑަށް އައިސްފައިވާ ބަދަލުތައް ފެނި ގިނަ ބަޔަކު އިންސްޕަޔާ ވާ ކަމަށާއި ކްލާސްތަށް ކުރިއަށް ގެންދާ ގޮތާ މެދު ގިނަ ބައެއްގެ ފަރާތުން ލިބޭ ޕޮޒިޓިވް ކޮމެންޓް ތަކަކީ ޝަމްގެ އެންމެ ބޮޑު އުފާވެރިކަމުގެ ގޮތުގައި އޭނާ ފާހަގަ ކުރެއެވެ.