ވިލިމާލޭ ފަޅުން ނުކުމެގެން ދިޔަ ތެޔޮބޯޓެއްގައި ދިޔަ ކަމަށް ބުނާ މުހައްމަދު ލިޓަން މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މުހައްމަދު ނިޒާމުގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.
މިދިޔަ ޑިސެމްބަރު 28 ގައި ތެޔޮބޯތެއްގައި ދިޔަ ދެމީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނިކޮށް ޖެނުއަރީ 1 ވަނަ ދުވަހު އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފައެވެ. ނަމަވެސް އެ ބޯޓުގައި ލިޓަން އަދި ނިޒާމް ވެސް ނެތެވެ. އެ ދެ މީހުން ހޯދުމަށް ފުލުހުންގެ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަނިކޮށް ނިޒާމް މާލެއިން ފެނުނީ ސޯޝަލް މީޑިއާގައި އޭނާ ފެނިގެން ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.
ނިޒާމްގެ ބަންދަށް އެންމެ ފަހުން އިތުރުކުރި 60 ދުވަސް ހަމަވާތީ ކޯޓަށް އިއްޔެ އޭނާ ގެންދިޔައީ ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން އެދިއެވެ. އެކަމަކު ކޯޓުން ނިންމީ އެ މައްސަލާގައި ދައުވާ ކޮށްފައިވާތީ އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނީ މައްސަލަ ބައްލަވާ ގާޒީ ކަމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން ނިޒާމްގެ ފަރާތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ނެތް ކަމަށް ކޯޓުގައި ބުނެފައެވެ. އަދި ހަގީގަތުގައި ވެސް ލިޓަން މަރުވިކަން ސާބިތުނުވާ ކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ.
އެހެން ނަމަވެސް ކޯޓުން ނިންމީ ނިޒާމްގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި އެބަހުރި ކަމަށެވެ. އެހެންވެ، 30 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކުރީ ކަމަށް ކޯޓު އަމުރުގައިވެއެވެ.
ނިޒާމްގެ މައްޗަށް ގަސްދުގައި މީހަކުމެރުމުގެ ކުށުގެ ދައުވާއާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ އަދި ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފައެވެ.
ޕީޖީން ބުނީ، ލިޓޮން މަރާލާފައިވަނީ ލިޓަން އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ހޯދިފައިވާ ކަމަށެވެ. އޭނާ މަރާލާފައިވަނީ ލިޓަންއަށް ނޭނގި ހުއްޓައި، ކ.ގަލުފަޅު ކިޔާ ސަރަޙައްދު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެން ކަމަށާއި މިކަން ހިނގާފައިވަނީ ޑިސެންބަރު 28، 2022 ދުވަހުގެ ރޭ 7 އާއި، 08:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ވެސް ޕީޖީން ބުނެއެވެ.
-ޕީޖީން އިތުރަށް ބުނީ، ހެދޭކުރި ދޯނީގައި ހުރި ލިޓޮންގެ 51000 އަށް ވުރެ ގިނަ ފައިސާ، ނިޒާމް ވަގަށް ނަގާފައިވާ ކަމަށެވެ.
މަސްތުވާތަކެތިން މުއާމަލާތުކުރުމުގެ ދައުވާ ކޮށްފައިވާނީ މި މައްސަލައިގެ ތުހުމަތުގައި ނިޒާމް ކުއްޔަށް ހިފައިގެން އުޅޭ މއ.ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު، ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާތީ ކަމަށް ޕީޖީން ބުނެއެވެ. ޕީޖީން ބުނީ، ނިޒާމް މަސްތުވާތަކެތި ގަނެފައިވަނީ ހެދޭކުރި ދޯނިން ވަގަށްނެގި ފައިސާއިން ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.