ރޭ މ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ "އާގަލާ" ނަމަކަށް ކިޔާ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ކަނޑުވި މީހުން ސަލާމަތްކޮށް މ. މުއްޔަށް ގެންދިޔަ އެކަކަށްވެސް ހޮސްޕިޓަލުން ފަރުވާ ދީފައި ނުވާ ކަމަށާއި އެންމެންވެސް ތިބީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މުލީ ކައުންސިލްގެ މެންބަރު އަހްމަދު ސާކިފް ވިދާޅުވީ ޖުމްލަ 14 މީހަކު އެ ރަށަށް ގެންދިޔަ ނަމަވެސް އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެހެންކަމުން އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ނުގެންދާ ކަމަށެވެ. ރޯވި ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން އެ ރަށުގައި ތިބީ ދިވެހި ފަސް މީހަކާއި އިންޑިއާގެ ހަތަރު މީހެއްގެ އިތުރުން ބަންގްލަދޭޝްގެ ފަސް މީހަކެވެ. ކަނޑުވެ ނުފެންނަނީ އިންޑިއާ މީހެކެވެ.

ހާލުގައި ޖެހިގެން ގެންދިޔަ އެންމެންނަށް ރަށުގެ ރައްޔިތުންގެ ފަރާތުން އަންނައުނުގެ އިތުރުން ކާބޯތަކެތި ފޯރުކޮށްދީފައި ވެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް "ދަ ޕްރެސް" އިން މ. މުލީ ހޮސްޕިޓަލަށް ގުޅާލުމުން ހޮސްޕިޓަލްގެ މެނޭޖަރު ނާފިޒް ވިދާޅުވީ، ރަށަށް ގެންދިޔަ އެކަކަށް ވެސް ފިޒިކަލް އިންޖަރީ އެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް އެ މީހުންގެ މެންޓަލް ހާލަތު ބެލުމަށް ކައުންސިލާ މަޝްވަރާ ކުރަމުން ދާ ކަމަށެވެ.

"އާގަލާ" ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގީ ރޭ ދަންވަރުއެވެ.

އަލިފާން ރޯވެ ލިބުނު ގެއްލުމުގެ ސަބަބުން މިއަދު ހެނދުނު 8:20 ހާއިރު ބޯޓު އެއްކޮށް އަޑިއަށް ގޮސްފައި ވާއިރު މި ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވާ ކަމަށް ސިފައިން ބުންޏެވެ.