ހުޅުމާލޭގައި ހުންނަ 'ޖޫސް ޓައިމް'އަށް ވަދެ އެތަނަށް ގެއްލުން ދިން މައްސަލަގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޖޫސް ޓައިމަށް ގެއްލުންދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އެކަކު ވަނީ ހައްޔަރުކޮށްފައި ކަމަށާއި އެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ޖޫސްޓައިމަށް ގެއްލުން ދިން މައްސަލާގައި އެޕާޓްމަންޓެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާ އެކު 7 މީހުން ހައްޔަރު މީގެ ކުރިން ހައްޔަރުކޮށްފައިވާއިރު އެ އެޕާޓްމަންޓުގެ ތެރެއިން މަރާމާރީ ހިންގުމަށް ބޭނުންކުރާ ތަކެތިވެސް ހިމެނެއެވެ. އަދި އެ މައްސަލައާ ގުޅިގެން 7 ދިވެހިން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯ އިން ފެންނަ ގޮތުން ޖޫސް ޓައިމަށް ގެއްލުން ދީފައިވަނީ މޫނުނިވާ ވާގޮތަށް ހެލްމެޓް އަޅައިގެން ތިބި ދެމީހުންނެވެ. އެ ދެމީހުން އެތަނުގެ ތެރެއަށް ވަނުމަށްފަހު އެތަނުގެ ކައުންޓަރު މަތީގައި ހުރި އެއްޗެއްސާއި އިތުރު ސާމާންތައް ބިންމައްޗަށް އުކާލުމަށްފަހު އެތަނުގައި އެ ވަގުތު ހުރި ބިދޭސީ މީހާއާއި ދިމާއަށް ކޮންމެވެސް އެއްޗެއް ކިޔުމަށްފަހު ނުކުމެގެން ދާތަން ފެނެއެވެ. އަދި އެމީހުން އެ ތަނަށް ގެއްލުން ދިނުމަށް ފަހު، ވައްގަނޑުން ފައިސާވެސް ވަނީ ނަގާފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު މި ދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުން ވަނީ މި ކެފޭއަށް ގެއްލުންދިން މީހުން ދުއްވި ސައިކަލު ހޯދާފައެވެ. މި މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި މައްސަލަ އާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ވާކަމަށެވެ. އަދި ތަހުގީގަށް ހޯދި މައުލޫމާތު ތަކުން މި ކެފޭއަށް ގެއްލުން ދިނީ ގޭންގަކަށް ނިސްބަތްވާ މީހެއްގެ މަންމައަކު ހިންގާ ކެފޭއަކަށް ވުމުން ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.