ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު، ޝީޝެލްސްގެ ރައީސް، ވޭވަލް ރަމްކަލަވަންއާ ބައްދަލު ކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން ކުރިއަށް ގޮސްފައިވަނީ ދޯހާގައި މިހާރު ކުރިއަށްދާ އދގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.

ދެ ރައީސުން ވަނީ ފަތުރުވެރިކަމުގެ ސިނާއަތާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ. އެގޮތުން ކޮވިޑް 19 ގެ ކުރިން އޮތް ހާލަތަށް ފަތުރުވެރިކަން އިއާދަކުރުމަަށް ދެ ގައުމުން ކުރާ މަސައްކަތްތަކާއި މޫސުމީ ބަދަލުތައް ފަދަ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގައި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ މެމްބަރުންގެ ހައިސިއްޔަތުން މިހާރަށް ވުރެ މުހިއްމު ދައުރެއް އަދާކުރުމާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ޝީޝެލްސްއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ ބައިނަލްއަގްވާމީ މައިދާނުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކެއް ހޯދޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ދެ ރައީސުންވެސް ވަނީ ވިދާޅުވެފައެވެ.

ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް ފުރާވަޑައިގެންނެވީ އިއްޔެއެވެ. ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ގަތަރުގެ ދޯހާއަށް ވަޑައިގަންނަވާއިރު ގަތަރަށްފަހު ރައީސް ސޯލިހު ސާބިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން ރައީސް ސޯލިހުގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ޖަރުމަނަށް ވަޑައިގެން އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.