ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު ބޭރުގެ އެކިއެކި ފަރާތްތަކުން ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ތަކެތީގެ ވާހަކަ ކަމާބެހޭ ފަރާތަށް އަންގަފާވައި ނުވާތީ އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލައިގައި ހައްޔަރު ކުރަން ފުލުހުން އެގެއަށް ގޮސްފިއެވެ.

ފުލުހުން ކުރި ގިނަ ޓްވީޓްތަކެއްގައި ބުނީ، ހިނގަމުންދާ ޝަރީއަތުގެ އަޑުއެހުންތަކަށް އިމްރާން ވަޑައި ނުގެން ހުންނެވުމާ ގުޅިގެން ބެއިލް ނުލިބޭ ގޮތަށް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައި ވާ ކަމަށާއި، އެހެން ކަމުން ލާހޯރުގައި ހުންނަ އިމްރާންގެ ގެއަށް ފުލުހުން ގޮސްފައި ވާ ކަމަށެވެ. އަދި ފުލުހުންގެ ސްޕްރިންޓެންޑެންޓް އިމްރާންގެ ކޮޓަރިއަށް ވަދެވަޑައިގެންފައި ވީ ނަމަވެސް އިމްރާން ވަޑައިގެން ނެތް ކަމަށް ވެސް ބުނެއެވެ.

އިތުބާރު ނެތް ކަމުގެ ވޯޓު ނަމާ އެގައުމުގެ މަޖިލީހުން މިދިޔަ އަހަރުގެ އޭޕްރީލް މަހު އިމްރާން ވަކި ކުރުމަށް ފަހު، ޓެރަރިޒަމާއި ކޮރަޕްޝަންގެ ގިނަ ތުހުމަތު ތަކެއް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.

ގިނަ އަދަދެއްގެ ފުލުހުން ވެރިރަށް އިސްލާމް އާބާދުން ލާހޯރަށް ގޮސްފައި ވާ އިރު، އިމްރާންގެ ސަޕޯޓަރުންވެސް ވަނީ އިމްރާންގެ ގެ ކައިރިއަށް އެއްވެފައެވެ. އިމްރާން ހައްޔަރު ކުރިޔަ ނުދިނުމަށް ސަޕޯޓަރުން ދަނީ އަޑުގަދަކޮށް ހުރަސް އަޅަމުންނެވެ.

އިމްރާން ނިސްބަތްވެ ވަޑައިގަންނަވާ ޕީޓީއައި ޕާޓީގެ އޮފިޝަލުން ވިދާޅުވީ، ސަރުކާރުން އުޅެނީ، އިމްރާން ގޮޅިއަކަށް ފައްތަން ކަމަށާއި، ކޯޓަށް ހާޒިރުވެ ވަޑައިގަތުމުގައި އިމްރާނަށް އޮތް ރައްކާތެރިކަން ސަރުކާރަށް ކަށަވަރު ކޮށް ނުދެވޭ ކަމަށެވެ. އަދި މީގެ ކުރިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިމްރާން އަވަހާރަ ކޮށްލަން ހަމަލާއެއް ދީފައި ވާ ކަމަށާއި، އިމްރާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވެން ނެތް ހާލަތެއްގައި ސިޔާސީ ގޮތުން ސަރުކާރުން ކުރާ ކަންކަމަށް އެ ޕާޓީންވެސް ސިޔާސީ ގޮތުން ޖަވާބު ދޭނެ ކަމަށެވެ.

އިމްރާން ހާނަކީ ކުރީގެ ކުރިކެޓް ކުޅުންތެރިއެއްގެ އިތުރުން މިވަގުތުވެސް ޕާކިސްތާންގައި ހުންނެވި އެންމެ މަގުބޫލު ސިޔާސީ ޝަހުސެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ކިތަންމެ އަވަހަކަށް އިންތިހާބެއް ބޭއްވި ނަމަވެސް އިމްރާން އެ އިންތިހާބު ކާމިޔާބު ކުރައްވާނެއެވެ.