ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލު ކުރައްވައިފިއެވެ.

ގަތަރުގެ ދޯހާގައި ހުންނަ ނެޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އދ ގެ އެކިއެކި އެހީދޭ ޖަމާއަތްތައް މެދުވެރިވެގެން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުންތަކާއި ރާއްޖޭގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އދ އަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. އެގޮތުން އެޖެންޑާ 30ގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ މުހިންމު އިދާރާތަކުގެ ގާބިލުކަން އިތުރުކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ އިން ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އާއި އދ ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތަކަށް ކަންކަން ކުރުމަށްޓަކައި، އދ ގެ ކަމާބެހޭ ޖަމްއިއްޔާ ޖަމާއާތްތަކާއި، ޕަބްލިކް ސެކްޓާ ގްރޫޕްތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

މިގޮތުން އުމްރާނީ ވަސީލަތްތައް ގާއިމުވެފައި ހުރި ގޮތުން ހުރި ފަރަގުތައް ކުޑަކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ވަނީ ކުރައްވާފައެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ކުރެވެންހުރި އިންވެސްޓްމަންޓްތައް ބެލުމަށްވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން އެންމެ ދާއިރާއަކަށް އިގްތިސޯދު ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށްޓަކައި ދެމެހެއްޓެނިވި ވިޔަފާރީގެ ދާއިރާއާއި މަސްވެރިކަން ފުޅާކޮށް އިތުރުގޮތްތައް ހޯދުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން އދ ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރާއްޖެއަކީ ވެސް އދ އިން ނަގަހައްޓާ އެންމެހާ ހަމަތަކުގައި ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭ ގައުމެއްކަން ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ 2023 ވަނަ އަހަރުގެ އެސްޑީޖީ ސަމިޓާއެކު "ކްލައިމެޓް އެމްބިޝަން ސަމިޓެއް" ބޭއްވުމަށް ސެކްރެޓަރީ ޖެނެރަލް ނިންމެވި ނިންމެވުމަށް ތަޢުރީފު ކުރައްވާފައެވެ. އަދި ކޮޕް27ގައި އެއްބަސްވި ގޮތަށް "ލޮސް އެންޑް ޑެމޭޖް" ފަންޑު ގާއިމު ކުރެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ލީޑާޝިޕްގެ ދަށުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފު ކުރެއްވާފައެވެ. އަދި ގިނަ ގައުމުތައް އެކުވެގެން މަސައްކަތްކުރުމުގެ ރޫހު ދެމެހެއްޓުމަށާއި، އދ އާ ގުޅިގެން ރާއްޖެއިން، ގާތުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

އދ ގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮންނަތާ 57 އަހަރު ފުރުން ފާހަގަކުރީ މިދިޔަ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.