ޖީ20 ގައުމުތަކުގެ ވަޒީރުން ދިއްލީގައި ބައްދަލު ކުރެއްވި އިރު، ރަޝިއާގެ ހާރިޖީ ވަޒީރުގެ ސަރެގޭ ލަވްރޯވް ވާހަކަ ދައްކަވަން ފެއްޓެވުމުން އެހެން ގައުމުތަކުގެ ވަޒީރުން ހީ އަޑުގަދަ ކުރައްވައިފިއެވެ.

އިންޑިއާ އިން މިއަހަރު ރިޔާސަތު ބަލަހައްޓާ، ދުނިޔޭގެ އެންމެ މުއްސަނދި 20 އިގްތިސޯދުގެ ވަޒީރުންގެ ބައްދަލުވުން ދިއްލީގައި ކުރިއަށް ދިޔައިރު، އެ ބައްދަލުވުމުގައި ރަޝިއާއި، އެމެރިކާ، ޗައިނާ، އަދި ޖީ20 ގެ ގައުމުތަކުގެ އިތުރުން އީޔޫއިންވެސް ބައިވެރިވިއެވެ.

ޔޫކްރައިން އަށް އަރާ ރަޝިއާއިން ކުރަމުން ދާ ހަނގުރާމައިގެ ހިޔަނި، ޖީ20 އަށް ވެސް ވަނީ އެޅިފައެވެ. ޖީ20 އަކީ ގައުމުތަކުގެ އިގުތިސޯދީ ހާލަތާ ގުޅޭ އެކިއެކި ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ގޮތްތައް ނިންމާ ޖަމާއަތެއް ނަމަވެސް މިއަހަރުގެ ސަމިޓުން އެ މެންޑޭޓް ފުރިހަމައަށް ހާސިލުވާތަނެއް ނުފެނެއެވެ. އަދި އިންޑިއާއިން ދެކުނު އޭޝިއާ ޕްރޮމޯޓް ކުރާ ޝިއާރު 'ގްލޯބަލް ސައުތު' އަށް ވެސް ޔޫކްރައިން ހަނގުރާމައިން ވަނީ ހިޔަނި އެޅިފައެވެ.

ޖީ20 އަކީ އިގްތިސޯދީ ފޯރަމެއް ނަމަވެސް ގިނަ ގައުމުތަކުން ބޭނުންވީ އަދި ބޭނުން ވަނީ، ޔޫކްރައިންގެ ހަނގުރާމައިގެ ވާހަކަ ދައްކާ ރަޝިއާ ކުށްވެރިކުރާށެވެ.

ބެންގަލޫރުގައި ބޭއްވި ފުރަތަމަ ބައްދަލުވުމަށް ފަހު މިދިޔަ ބުރާސްަތި ދުވަހު ދިއްލީގައި ބޭއްވި ބައްދަލުވުމުގައި ރަޝިއާގެ ހާރިޖީ ވަޒީރު ވާހަކަ ދައްކަވަމުން، ހުޅަނގުން އުޅެނީ މުޅި ދުނިޔެ ބްލެކްމެއިލް ކޮށް ބިރު ދައްކައިގެން ކަންކަން ހާސިލުކުރަން ކަމަށް ވިދާޅުވުމާއެކު އެހެން ގައުމުތަކުގެ ވަޒީރުން ވަނީ އަޑުގަދަ ކުރައްވާ އަަޑުގަޑަކޮށް ހީ ހައްދަވާއެވެ. ލަވްރޯވް އަށް މަލާމާތުގެ ގޮތުގައި އެހެން ވަޒީރުން މިކަން ކުރެއްވި އިރު، ރަޝިއާ އާ ބައިވެރިވާނެ ބަޔަކަށް އެތާ ތިބީ ޗައިނާ އެކަންޗެވެ. ދުނިޔޭގެ ގައުމުތަކުގެ ޕްރެޝަރުގެ ކުރިމަތީގައިވެސް ޗައިނާއިން ރަޝިއާ ކުށްވެރި ކުރަން ދެކޮޅުހަދާފައ ވާ އިރު، ލަވްރޯވް ވިދާޅުވީ، ޗައިނާއިން ގެންގުޅޭ ސިޔާސަތަކީ، ރަޝިއާއިންވެސް ގަބޫލު ކުރާ ސިޔާސަތު ކަމަށެވެ.

ނަމަވެސް މި ބައްދަލުވުމުގައި ބައިވެރިވި އެމެރިކާ ފަދަ ގައުމުތަކުން ވަނީ ކުށްވެރި އަކީ ރަޝިއާ ކަމަށާއި، ޔޫކްރައިންނަށް ދޭ ގެއްލުމުގެ ބަދަލު ރަޝިއާ ކިބައިން ހޯދަން ޖެހޭ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. ޖަރުމަނުގެ މަންދޫބުންވެސް އެ މޭރުމުން ވާހަކަ ދައްކަވާ، ރަޝިއާ ކުށްވެރި ކުރައްވާފައި ވެއެވެ.

ޖީ20ގެ ރިޔާސަތު މިއަހަރު ބަލަހައްޓާ ގައުމަކީ އިންޑިއާ ކަމުން، އެގައުމުން އިހުތިޔާރު ކުރަނީ މެދުމިނުގެ ސިޔާސަތެކެވެ. އެގައުމުން ރަޝިއާ ކުށްވެރިއެއްވެސް ނުކުރެއެވެ. ނަމަވެސް ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ދުނިޔެ ކާބޯތަކެއްޗަށް ޖެހިފައި ވުމާއި، ތަކެތީގެ އަގުތައް އުފުލިގެން ދިޔުންފަދަ މައްސަލަ ތަކާއި، ގައުމުތަކުގެ އިސްތިގުލާލާއި މިނިވަން ކަމަށް އިހުތިރާމް ކުރަން ގޮވާލާފައި ވެއެވެ.

އިންޑިއާވެސް އަދި ޗައިނާވެސް އެކަމުގައި ގެންގުޅޭ އެއް ވިސްނުމަކީ އދ ގެ ޗާޓަރާ އެއްގޮތަށް ގައުމުތަކުގެ އިސްތިގުލާލާއި މިނިވަންކަން ކަށަވަރުވާން ޖެހޭނެކަމެވެ.

ޖީ20 ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުން މިއަހަރުގެ ސެޕްޓެމްބަރަށް ތާވަލު ކޮށްފައި ވާ އިރު، ވަޒީރުން ފެންވަރުގައިި މިހާރު ކުރިއަށް ދާ ބައްދަލުވުންތައް ނިމެމުން ދަނީ ޗައިނާ އާއި ރަޝިއާ ދެކޮޅު ހެދުމާ އެކު، ގުޅިފައިވާ އެންމެނަށް އެއްބަސްވެވޭ ބަޔާނެއް ނުނެރެވިއެވެ. ދިއްލީގައި ބޭއްވި ބައްދަލުވުމަށް ފަހުވެސް ގުޅިފައިވާ ބަޔާނެއް ވަނީ ނުނެރެވިފައެވެ. ނަމަވެސް އިންޑިއާ އިން ބުނީ، ރަޝިއާ ކުށްވެރި ކުރުމުގެ މައްސަލަ ނުހިމެނިޔަސް، ގިނަ ކަންކަމުގައި ގޮތްތަކެއް ނިންމިފައިވާ ކަަމަށާއި، ބިނާ ކުރަނިވި ވާހަކަތަކެއް ދެކެވުނު ކަމަށެވެ.

ޖީ20ގެ ދިއްލީ ބައްދަލުވުމުގެ ހަވާސާފައި އެމެރިކާގެ ހާރިޖީ ވަޒީރާއި ރަޝިއާގެ ހާރިޖީ ވަޒީރު 10 ވަރަކަށް މިނެޓަށް ބައްދަލު ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، އެމެރިކާއިން ރަޝިއާ އަށް އިންޒާރު ދިން ކަމަށާއި، ރަޝިއާއިން ވަކިނި ނިއުކްލިއާ މުއާހަދާއަށް އެނބުރި އައުމަށް ބުނި ކަމަށްވެސް ހަބަރުތައް ބުނެއެވެ. ނަމަވެސް ރަޝިއާއިން ވަނީ އެވާހަކަތައް ދޮގުކޮށް 10 ވަރަކަށް މިނެޓަށް ބައްދަލުވި ނަމަވެސް އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރާ ކަމަށް ބުނެފައެވެ.