ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ދައުވާކޮށްދިނުމަށް ފޮނުވާފައިވާ 8 މީހުންގެ ތެރޭގައި ހިމެނެނީ އެ ކައުންސިލްގައި އޭރުތިބި މެންބަރުންގެ އިތުރުން ކައުންސިލްގެ ބައެއް މުވައްޒަފުންނެވެ.

ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި 8 މީހުން:

  • ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް
  • ކައުންސިލްގެ ނާއިބު ރައީސް އިޒްމީލް އަހުމަދު
  • ކައުންސިލްގެ އޭރުގެ މެންބަރު އަހްމަދު ސަމޫހު
  • ކައުންސިލްގެ މެންބަރު މުހައްމަދު ޝާމް
  • ކައުންސިލްގެ މެންބަރު ޒުހުދާ އާދަމް
  • ކައުންސިލްގެ މެންބަރު އާމިނަތު ސޮލާހާ
  • ސެކްރަޓަރީ ޖެނަރަލް މުހައްމަދު ނާސީހް
  • ދުވާފަރު ކައުންސިލްގެ އިދާރާގެ އޭރުގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލީފުޅު

މި 8 މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާފައިވަނީ ގާނޫނު ނަންބަރު 9/2014 ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ "ށ" ގައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ، އެގާނޫގެ 516 ވަނަ މާއްދާގައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން ހަމަ އެގާނޫނުގެ 517 ވަނަ މާއްދާގައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

އުސޫލުތަކާއި ހިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަކުރެވުނު މި މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭސީސީ ހުށައެޅުމާއެކު ހާއްސަ ޓީމަކުން ދުވާފަރަށް ގޮސް ތަހުގީގަށް ބޭނުންވާ މައުލޫމާތު ވަނީ އެއްކޮށްފައެވެ. 2 މަސްދުވަސްތެރޭގައި މައްސަލައިގެ ތަހުގީގު ނިންމާ އެ ކޮމިޝަނުން ވަނީ ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވާފައެވެ.

އޭސީސީއިން މިއަދު ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އިސްލާހުކުރުމަށް އެންގި ކަންކަން އިސްލާހު ކުރުމަށްފަހުގައެވެ.

ލޯކަލް ގަވާމެންޓް އޮތޯރިޓީން އެކުލަވާލި ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިން ރިޕޯޓަކުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަހުގީގުކޮށް، ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާއަށްފަހު 8 މީހަކަށް ދައުވާ ކުރުމަށް ފޮނުވާފައިވާއިރު އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކުރި ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން މިދިޔަ އަހަރު ނޮވެމްބަރު މަހު ދުވާފަރުގެ ހުރިހާ ކައުންސިލަރުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ސަސްޕެންޑު ކޮށްފައެވެ.

މިދިޔަ ޖުލައި މަހު އެލްޖީއޭ އިން ނެރުނު މޮނިޓަރިން ރިޕޯޓުގައިވާ ގޮތުގައި މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318،600 ރުފިޔާ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 ގައި ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. ޒަކާތް ދިނުމަށް ބޭނުންވާ 54،608 ރުފިޔާ ކައުންސިލަރު ޒުހުދާ އަދާމާ ނަގުދުކޮށް ހަވާލުކޮށްފައިވާ އިރު، އެ ފައިސާ ލިބެން ޖެހޭ ފަރާތްތަކަށް ދީފައިވާކަން ކަށަވަރުކުރެވެން ނެތް ކަމަށ ްވެސް އެ ރިޕޯޓުގައި ވެއެވެ.

ހަމައެއާއެކު މިދިޔަ އަހަރުގެ މޭ 17 އިން ފެށިގެން އެ މަހުގެ ނިޔަލަށް، މުހައްމަދު އަލިފުޅާއި ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހްމަދުގެ އިތުރުން، ކައުންސިލަރު މުހައްމަދު ޝާމްގެ އެކައުންޓަށް ޖުމްލަ 1.40 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެއްވެސް ލިޔެކިއުމެއް ނެތި ޖަމާކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ. އަދި އިޒްމީލަށް އެހެނިހެން ގޮތްގޮތުން ލިބިފައިވާ ފައިސާ އާ އެކު ޖުމްލަ 252،048 ރުފިޔާ ހިމެނޭ ހެން، ޖުމްލަ 847،145 ރުފިޔާ ކައުންސިލަރުންނާއި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހްގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައި ވެސް ވެއެވެ. މީގެ އިތުރުން އެ ފައިސާގެ ހިސާބު ނުބަލަހައްޓާ ކަމާއި، ކައުންސިލަށް ދޫކޮށްފައިވާ ބަޖެޓު ބޭނުން ކުރުމުގައި މާލިއްޔަތު ގާނޫނަށް ބަލާފައި ނުވާ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

ގާނޫނުގައިވާ ގޮތުން އެކަށީގެންވާ ސަބަބެއް ނެތި ހަފްތާއެއް ވަންދެން ކައުންސިލަރުން ހާޒިރުނުވެއްޖެ ނަމަ މަގާމުން ވަކިކުރެވޭނެއެވެ. ނަމަވެސް އެ ރިޕޯޓުގައިވާ ގޮތުން ބައެއް މެންބަރުން ޖެހިޖެހިގެން 50 ދުވަހަށް ވުރެ ގިނަ ދުވަހު ހާޒިރުވެފައިނުވާ ކަން ދައްކައެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް ވެސް އަޅާފައި ނުވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.