ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ރާއްޖެ އަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އެތެރެކުރުމަށް، އެ މައްސަލައިގައި ހައްޔަރުކުރި ހުސައިން ޝިފާއު މަސައްކަތްކުރި ކަމަށް، ފުލުހުން ކޯޓުގައި ބުނެފިއެވެ.

މީގެ ކުރިން ވެސް މަކަރާއި ހީލަތުގެ މައްސަލައެއްގައި ހައްޔަރުކުރި ހުސައިން ޝިފާއު، އެފަދަ އެހެން މައްސަލައެއްގައި މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރުކޮށް، ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން ފުލުހުން ވަނީ އިތުރު ތަފްސީލް ހާމަކޮށްފައެވެ. ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ، މީހުން އަތުން ފައިސާ ނަގައި ފިލައިގެން އުޅޭތީ 2021 ގައި އޭނާ ހޯދަން ފުލުހުން އޭރު އިއުލާނުކޮށްފައިވެއެވެ.

ފުލުހުންނާ ހަވާލާދީ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން:

  • ބޭރުން މުދާ ގަތުމަށް ޝިފާއު ފޮނުވި ޓީޓީ ސައްހަނޫން ކަމަށް ބޭންކުން ކަށަވަރުކޮށްދީފައިވޭ
  • ބައެއް ޓީޓީތަކުގައި ބޭނުންކޮށްފައި ވަނީ ޝިފާއު ނިސްބަތްވާ ވިޔަފާރިވެރިއެއްގެ ނަން
  • އެ ޑޮކިއުމެންޓުތަކުގައި ޝިފާއުގެ ނަމާއި ފޯނު ނަންބަރެއް ނެތް

ޝިފާއު އަކީ މޭވާ އާއި ތަރުކާރީ އެތެރެކޮށް އޭގެން ވިޔަފާރިކުރާ މީހެއް ކަމަށާއި، ސައްހަނޫން ޑޮކިއުމެންޓުތައް ބޭނުންކޮށްގެން އެތެރެކުރި މޭވާ އާއި ތަރުކާރީގެ އަގު ތިން މިލިއަން ރުފިޔާ އަށް ވުރެ އިތުރުކަމަށް އަމުރުގައިވެއެވެ.

އެ މައްސަލައިގައި ޝިފާއު ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.

ފުލުހުން ބުނީ، ޝިފާއުގެ މިފަދަ އިތުރު މައްސަލަތަކެއް ވެސް ތަހްގީގުކުރެވެމުންދާ ކަމަށާއި، އެ މައްސަލައިގައި އިތުރު އެހެން ބަޔަކު ބައިވެރިވާ ކަމަށް ބެލެވޭ ކަމަށެވެ.