ހުސްވި ރޯދަމަހަށް ވުރެ ހެޔޮ އަގުގައި ފިޔާ، އަލުވި އަދި ބިސް ލިބޭނެ ކަމަށާއި އަދި އެތަކެތި ހުސްވުމެއްނެތި ފޯރުކޮށްދިނުމަށް ވާންޖެހޭ ތައްޔަރީތައް ވެ ނިމިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
އެސްޓީއޯއިން ބުނީ ކޮންމެ އަހަރަކުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ހެޔޮ އަގެއްގައި ތަކެތި ފޯރު ކޮށްދިނުމަށް ކަމަށާއި އެގޮތުން މިދިޔަ އަހަރު ފިޔާ ކިލޯއެއްގެ އަގު 14 ރުފިޔާ އަށް ވިއްކި ނަމަވެސް މި އަހަރު އެ އަގު 9 ރުފިޔާ އަށް ހެޔޮ ކުރެވިފައިވާ ކަމަށެވެ. އަލުވި ކިލޯއެއް މިއަހަރު ވިއްކުމަށް ހަމަޖެހިފައި ވަނީ 11 ރުފިޔާއަށެވެ. އެއީ މިދިޔަ އަހަރަށް ވުރެ 2 ރުފިޔާ ހެޔޮވުމެކެވެ. މިދިޔަ އަހަރު އަލުވި ކިލޯއެއް ވިއްކީ 13 ރުފިޔާއަށެވެ.
މީގެ އިތުރުން ރޯދަމަހަކީ އެހެނިހެން މަސްތަކަށް ވުރެ ފިޔާ، ބިސް އަދި އަލުވީގެ ޑިމާންޑް ބޮޑުވާ މަހެއް ކަމުން މި ތަކެތީގެ ޖުމްލަ 6 ޝިޕްމެންޓް އެއް ގެންނާނެ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ފުރަތަމަ ޝިޕްމެންޓް ފެބްރުއަރީ، 27 ގައި ގެނެސް، ފެބްރުއަރީ، 28 އިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން ވިއްކަން ފަށާފައިވާ ކަމަށް އެސްޓީއޯއިން ބުނިއެވެ.
އެސްޓީއޯއިން ހޯލްސޭލް މުދާ ދޫކުރުމަށް ތިން ސަރަހައްދެއް ކަނޑައަޅާފައި ވެއެވެ. އެއީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން، އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖް އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްއެވެ. ނަމަވެސް އިންޑަސްޓްރިއަލް ވިލެޖުން ދޫކުރަން ފަށާނީ މާޗް 5 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ހުޅުމާލޭގައި ހުޅުވާ ރޯދަ މާޓްގެ ހިދުމަތް ފެށިގެން ދާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
އަތޮޅުތެރެއަށް ހާއްސަ 11 ސަރަހަދެއްގައި ގާއިމް ކުރެވިފައިވާ އެސްޓީއޯގެ ފިހާރަތަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުންވެސް ރޯދަމަހަށް ހާއްސަކޮށް ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައްވެސް ގެނެވޭނެ ކަމަށާއި ފިހާރައިން މުދާ ހުސްވިޔަނުދީ ބެހެއްޓުމަށްޓަކައި މާލޭ ބާޒާރުންވެސް މުދާ ނަގާނެ ކަމަށް ބުނެފައި ވެއެވެ. އަދި ލީސިން ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިންނާއި، ހުޅުމާލެ ރޯދަ މާޓުން ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.
ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ވަނީ ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓް ތިރީގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތްވެސް ފަށާފައެވެ. އަދި އެ ފިހާރައިން މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮއްދިނުމަކީ އެ ކުންފުނީގެ އެންމެ ބޮޑު ބޭނުން ކަމުގައި ބުނެއެވެ. އަދި މި މަހު އެ ފިހާރަ ހުޅުވޭނެ ކަމަށް އެސްޓީއޯއިން އަންދާޒާ ކޮށްފައިވެއެވެ.