ހުޅުމާލޭގައި ހުންނަ 'ޖޫސް ޓައިމް'އަށް ވަދެ އެތަނަށް ގެއްލުން ދިން މައްސަލަ އާ ގުޅިގެން އެޕާޓްމަންޓެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާ އެކު 7 މީހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ފެބްރުއަރީ 17، 2023 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހުންނަ ޖޫސްޓައިމް އަށް ގެއްލުން ދިން މައްސަލަ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެޕާޓްމަންޓެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އެޕާޓްމަންޓުގެ ތެރެއިން މަރާމާރީ ހިންގުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން މަސްތުވާތަކެތިވެސް ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން 7 ދިވެހިން ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުން ޖޫސް ޓައިމަށް ގެއްލުން ދީފައިވަނީ މޫނުނިވާ ވާގޮތަށް ހެލްމެޓް އަޅައިގެން ތިބި ދެމީހުންނެވެ. އެ ދެމީހުން އެތަނުގެ ތެރެއަށް ވަނުމަށްފަހު އެތަނުގެ ކައުންޓަރު މަތީގައި ހުރި އެއްޗެއްސާއި އިތުރު ސާމާންތައް ބިންމައްޗަށް އުކާލުމަށްފަހު އެތަނުގައި އެ ވަގުތު ހުރި ބިދޭސީ މީހާއާއި ދިމާއަށް ކޮންމެވެސް އެއްޗެއް ކިޔުމަށްފަހު ނުކުމެގެން ދާތަން ފެނެއެވެ. އަދި އެމީހުން އެ ތަނަށް ގެއްލުން ދިނުމަށްފަހު، ވައްގަނޑުން ފައިސާވެސް ވަނީ ނަގާފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު މި މަހުގެ 25 ވަނަ ދުވަހު ފުލުހުން ވަނީ މި ކެފޭއަށް ގެއްލުންދިން މީހުން ދުއްވި ސައިކަލު ހޯދާފައެވެ. މި މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި މައްސަލަ އާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ވާކަމަށެވެ. އަދި ތަހުގީގަށް ހޯދި މައުލޫމާތު ތަކުން މި ކެފޭއަށް ގެއްލުން ދިނީ ގޭންގަކަށް ނިސްބަތްވާ މީހެއްގެ މަންމައަކު ހިންގާ ކެފޭއަކަށް ވުމުން ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ހަމީދު ވިދާޅުވީ މާލޭގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން 16 މީހަކު ހައްޔަރު ކޮށްފައި ވާކަމަށެވެ.