ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެއާޕޯޓް އޮޕަރޭޝަނަށް ގެނައުމުގެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ

ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީކޮށް، އަންނަ މަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ކުރަމުން ދާއިރު އެ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފަހު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ އުމްރާނީ ތަރައްގީގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެއާޕޯޓްގެ ފަޔަރަށް ބޭނުންވާ ފަޔާ ލޮރީ މިހާރު އެރަށަށް ގެންދިޔުމުގެ ދަތުރު ފަށާފައިވާ ކަމަށެވެ.

އަދި އޮޕަރޭޝަނަށް ގެނައުމަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެއާޕޯޓްގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަަވަރުގެ ރާޑަރާއި އަދި ރަންވޭގެ ލައިޓިން ސިސްޓަމްތައް ދިއްލާ މިހާރު ޓެސްޓުކޮށްފައި ވާއިރު ޓެސްޓް ފްލައިޓް ޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މި މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތް ކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމު ކުރުން ހިމެނެއެވެ. ހަމައެއާއެކު ފަޔާ ބިލްޑިން އެއް އިމާރާތް ކުރުމާއި، ޓާމިނަލް ބިލްޑިން އެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.