ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދުގެ އިކޮނޮމިކް މިނިސްޓްރީން އަނެއްކާގެ ހަރުކަށި ގަވާއިދެއް ގެޒެޓްކޮށްފިއެވެ.

މީގެ ކުރިންވެސް އާންމުކުރި ގަވާއިދަށް ބަދަލުތަކެއް ގެނެސް އެ ވިޔަފާރީގެ ކަންކަން އިތުރަށް ހަރުކަށިކޮށް މިއަދު ގެޒެޓުކުރި ގަވާއިދުގައި ބުނެފައިވަނީ ސްޕާގެ ހިދުމަތް ދެވޭނީ ހެނދުނު 8 އިން ރޭގަނޑު 11 ޖެހުމުގެ ނިޔަލަށް ކަމަށާއި މީހުން ދިިރިއުޅޭ ރަށް ތަކުގައި ހުކުރު ދުވަހު 11 އިން މެންދުރުފަހު 2 ޖެހުމާ ހަމައަށް ސްޕާގެ ހިދުމަތް ދިނުމަކީ މަނާކަމެއް ކަމަށެވެ. އެހެންނަމަވެސް އެ ގަވާއިދުގައި ބުނެފައިވަނީ ސްޕާގެ ހިދުމަތް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތަކާއި ހޮޓާތަކުންދެވޭނެ އެ ވަގުތުގައި ދެވޭނެ ކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖް ނުވަތަ އިންޑަސްޓްރިއަލް މަސައްކަތަށް ހާއްސްކޮށްފައިވާ ރަށްތައް ނުވަތަ ސަރަހައްދުތަކާއި ވިޔަފާރީ އުސޫލުން ދަނޑުވެރިކަމަށް ނުވަތަ މަސްވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުރަށްތަކުގައި ސްޕާ ހިންގުމަކީ މަނާ ކަމެއް ކަމަށް ވެސް ބުނެފައިވާއިރު އެ ހިދުމަތް ދެވޭނީ އެކަމަށް އެކަށީގެންވާ ތައުލީމާ ތަމްރީން ލިބިފައިވާ މުވައްޒަފުންކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ގަވާއިދުގައި ބުނެފައިވަނީ ސްޕާއިން ދޭ ހިދުމަތްތަކާއި އަގުތައް ހިދުމަތް ހޯދަންދާ މީހުންނަށް ފެންނާނެހެން ބަހައްޓަން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން ނެރުނު އެ ވިޔަފާރީގެ ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ހިންގާ ސްޕާ ތަކުން ދޭ ހިދުމަތަކާ ބެހޭ މައުލޫމާތު ނުވަތަ އެ ހިދުމަތެއްގެ ވީޑިއޯ ނުވަތަ ފޮޓޯ ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް މިންގަނޑުތަކާ ހިލާފަށް އިސްތިހާރުކުރުމަކީ މަނާ ކަމެކެވެ. އެގޮތުން މުުޖުތަމައުގެ އަދަބު އަހްލާގުގެ މިންގަނޑު ކަމަށް އާންމުގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާ ހިލާފަށް އިސްތިހާރާއި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގާއި އިޝާރާތާއި އަޑު އިސްތިހާރުގައި ބޭނުމެއް ނުކުރެވޭނެއެވެ.

މީގެ އިތުރުން ސްޕާތައް އިސްތިހާރު ކުރުމުގައި އެއްވެސް މީހަކު ނުދެއްކުމަށް އަދި ނުހިމެނުމަށް މި ގަވާއިދުން ވަނީ މަޖުބޫރު ކޮށްފައެވެ. އަދި އިސްތިހާރު ކުރުމުގެ އިތުރުން މި ގަވާއިދުގައި ސްޕާތައް ރަޖިސްޓްރީކުރުމާއި ހިންގުން އަދި އިންސްޕެކްޓް ކުރުމަށް ވެސް ވަނީ ގިނަ އުސޫލުތަކެއް އެކުލަވާލާފައެވެ.

އެގޮތުން އެ ގަވާއިދުގެ ދަށުން ރާއްޖޭގައި ދެން ސްޕާތައް ހިންގޭނީ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގެ ދަށުން ވިޔަފާރި ހަރަކާތެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެންނެވެ. ގަވާއިދަށް އަމަލުކުރަން ފަށާއިރު ހިންގަމުންދާ ސްޕާތައް ރަޖިސްޓްރީކޮށް ދަފުތަރު ކުރުމަށް 90 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި ސްޕާގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީން ވާންވާނީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި އެކަން ކުރުމުގެ ހުއްދަ އޮތް އަދި ހިދުމަތްދޭ ފަރާތަށް ދޫކޮށްފައިވާ ކޯޓާގެ ދަށުން ދޫކޮށްފައިވާ ވޯކް ޕާމިޓެއް އޮތް ފަރާތަކަށެވެ.

ސްޕާތަކުގައި މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އިސްލާހުކުރަން އަންގާ ކަންކަން އިސްލާހު ނުކުރުމާއި ތަކުރާރުކޮށް މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް ވެސް މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގަވާއިދާ ހިލާފަށް ސްޕާތައް ހިންގާނަމަ ނަމަ އެތަނެއް ވަގުތުން ބަންދުކުރެވޭނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.

ސްޕާތައް އިސްތިހާރުކުރުމުގައި މިފަދަ ހަރުކަށި އުސޫލުތަކެއް ނެރެފައިވަނީ މިހާރު ރާއްޖޭގައި ހިންގާ ބައެއް ސްޕާތަކުން އެ ތަންތަނުގައި ހިދުމަތްދޭ ފަރާތްތަކުގެ މަންޒަރާއި އަޑު ބޭނުންކޮށްގެން ބޭއަދަބީ އިސްތިހާރުތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.