ތުރުކީވިލާތަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި އިމާރާތްތައް ވެއްޓި އެކަކު މަރުވެ، 69 މީހުން ޒަހަމް ވެއްޖެއެވެ.

މިއަދު 5.6 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުން އައިސްފައި ވަނީ ތުރުކީގެ ދެކުނުގެ މަލަޓިއާ ޕްރޮވިންސްގެ ޔެސިލިއާޓް އަވަށަށް ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނެއެވެ. ބިންހެލުމާ ގުޅިގެން މަލަޓިއާގައި މިހާރު ވެސް ހަލާކުވެފައިވާ އިމާރާތްތައް ވެއްޓެމުންދާ އިރު، ޕާކްކޮށްފައި ހުރި ބައެއް ކާރުތަކުގެ މައްޗަށް ވެއްޓުނު އިމާރާތެއްގެ ތެރެއަށް ސާޗް އެންޑް ރެސްކިއު ޓީމްތައް ވަދެފައިވާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖްތައް ދަނީ ދައުރުވަމުންނެވެ.

ހަތަރު ބުރީގެ އިމާރާތެއް ވެއްޓިފައިވާ އިރު، އެ އިމާރާތުގެ ދަށުވި ދެބަފައިން ވަނީ ސަލާމަތް ކޮށްފައެވެ. ފިރިހެނަކާއި އޭނާގެ އަންހެން ދަރިފުޅު ސަލާމަތްކޮށް، ސްޓްރެޗާތަކުގައި އެމްބިއުލާންސަށް ލައިގެން ވަނީ ސިއްހީ ފަރުވާ ދިނުމަށް ގެންގިސްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔެސިލިއާޓްގެ މޭޔަރު މެހްމެޓް ސިނާރު ވިދާޅުވީ، އެ ދެމީހުން ހަލާކުވި އިމާރާތަށް ވަނީ އެމީހަުންގެ ބައެއް ތަކެތި ނެގުމަށް ކަމަށެވެ.

މަލަތިޔާއަށް 5.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން ވެއްޓުނު އިމާރާތުގެ ދަށޫޏް ނެރުނު އަންހެނެއް

ތުރުކީގެ ޑިޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އޭއެފްއޭޑީ)ގެ ވެރިޔާ ޔޫނުސް ސެޒަރު މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ، މަލަޓިއާގެ ފަސް އިމާރާތަކަށް ސާޗް އެންޑް ރެސްކިއު ޓީމުތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަޒީޒް ޑެލިކްޓަޗް ނަމަކަށް ކިޔާ މީހަކު އޭނާގެ ގޭގެ ކުނިތަކުގެ ތެރެއިން ސަލާމަތްކޮށް ސްޓްރެޗާއެއްގައި އެމްބިއުލާންސްއަށް ގެންގޮސްފިއެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ރެސްކިއު ކްރޫއިން ވަނީ އޭނާގެ އަންހެން ދަރިފުޅު ސެއިމާ ޑެލިކްޓާސްއާ ހަމައަށް ގޮސް ރައްކާތެރި ކަމާއެކު ޑޮކްޓަރުންގެ ގާތަށް ގެންގޮސްފައެވެ.

މި މަހުގެ 6 ވަނަ ދުވަހު ތުރުކީގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށާއި ސޫރިއާގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ތުރުކީގެ 11 ޕްރޮވިންސްގެ ތެރޭގައި މަލަޓިއާ ވެސް ހިމެނެއެވެ. އެ ބިންހެލުމުގެ ސަބަބުން ދެ ގައުމުން ވެސް 48،000 އަށް ވުރެ ގިނަ މީހުން މަރުވެ، ތުރުކީގެ 173،000 އިމާރާތް ވެއްޓި ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެ ބިންހެލުމަށް ފަހު ގިނަ އާފްޓާ ޝޮކްތަކެއް އަންނަމުން ދާ އިރު، މި މަހުގެ 20 ވަނަ ދުވަހު ޑެފްނޭ އަވަށަށް ވަނީ 6.4 މެގްނިޓުއުޑްގެ ބިންހެލުމެއް އައިސްފައެވެ.

މީގެ 100 އަހަރު ކުރިން ވެސް ތުރުކީއަށް މި ބާރުމިނުގައި ބިންހެލުމެއް އައިސްފައި ވެއެވެ. އެފަހަރުގެ ބިންހެލުމުގައި 30،000 މީހުން މަރުވި އިރު މިފަހަރުގެ ބިންހެލުމުގައި ލިބުނު ގެއްލުން މާ ބޮޑު ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި އާންމުކޮށް މި ބާރު މިނުގައި ހިކިފަސް ތަންތަނަށް ބިންހެލުން ނާންނަ ކަމަށާއި މިއީ މި ބާރުމިނުގައި ހިކިފަސް ތަނަކަށް އައި ކަމަށް ރެކޮޑް ކުރެވުނު 6 ވަނަ ބިންހެލުން ކަމަށެވެ. ޖިއޮލޮޖިސްޓުން ބުނާ ގޮތުގައި ތުރުކީގެ މި ބިންހެލުމާ ގުޅިގެން 2364 އާފްޓާ ޝޮކް ނުވަތަ ކުދި ލޮޅުން ވަނީ އައިސްފައެވެ. މިއީވެސް ރެކޯޑް އަދަދެއް ކަމަށް ބުނެއެވެ.