ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ މެލޭޝިޔާގައި އަވަހާރަވި ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ރިޒާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.
މިއަދު މަޖިލީހުގައި ރިޒާގެ ދަފްތަރު ހުޅުވައިދެއްވުމަށްފަހު ރައީސް ނަޝީދު ލިޔުއްވާފައިވަނީ ރިޒާއަކީ ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގައި ހިދުމަތަކެއް ކުރެއްވި ހީވާގި އަދި ވިސްނުންތެރި ބޭފުޅެއް ކަމަށާއި ރިޒާ ވަކިވެ ދިޔަ ކަމުގައި ވިޔަސް ރިޒާ ނެތް ކަމުގެ އުނިކަން އަބަދުވެސް އިހުސާސް ކުރެވޭނެ ކަމަށެވެ. އަދި ދުއާއަކީ ރިޒާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމާއެކު އާއިލާއަށް ކެތްތެރިކަން ދެއްވުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރިޒާގެ ތައުޒިޔާގެ ދަފްތަރު މަޖިލީހުގައި ހުޅުވާފައިވާއިރު މިއަދު މަޖިލީހުގެ ޖަލްސާގައި ރިޒާގެ ހަނދާނުގައި ވަނީ ހަމަ ހިމޭން ކަމުގެ ސުކޫތެއްވެސް ގެނެސްފައެވެ.
ރިޒާއަކީ ގުރައިދޫ ދާއިރާގެ ގޮނޑި ތިން ފަހަރު ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ މިހާރު ހިނގަމުންދާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ މެންބަރުގެ އިތުރުން އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ބެލި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅެއް ވެސްމެއެވެ. އަދި ރިޒާ އަވަހާރަވި އިރު ވެސް އޭނާ ގެންދެވީ އެފްއޭއެމްގެ އެޕީލްސް ކޮމިޝަންގެ ރައީސްކަން ކުރައްވަމުންނެވެ.
ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުންވެސް ރިޒާގެ މަސައްކަތް ފެނިގެން ގޮސްފައިވާިއރު މީގެ ކުރިން ރިޒާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމުގެ އިތުރުން ފަނޑިޔާރުންނާ ބެހޭ ޝަކުވާތައް ބަލައި ފަނޑިޔާރުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އުފައްދާފައިވާ ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާފައެވެ.
ޕީޕީއެމްއާ ގުޅުން ހުރި ވަރަށް ގިނަ މައްސަލަތަކުގައި އެ ޕާޓީގެ ދިފާއުގައި ކޯޓުތަކުގައި ވަކާލާތު ވެސް ކުރައްވާފައިވާ ރިޒާ ވަނީ 2013 ގެ އިންތިހާބުގެ މައްސަލައެއްގައި ސްޕްރީމް ކޯޓުގައި ވެސް ޕީޕީއެމްގެ ދިފާއުގައި ވަކާލާތު ކުރައްވާފައެވެ.
ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އީސީއިން ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.