މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށްޓަކައި ތަރައްގީ ކުރި ކުޑަގިރި ޕިކްނިކް އައިލެންޑަށް ދާން ކުރިއާލައި ބުކިން ހަދަންޖެހޭ ގޮތަށް އޮތް އޮތުން އުވާލައިފިއެވެ.

ކުޑަގިރި ޓްވިޓާ ޕޭޖް އިން ބުނީ، މިހާރު ބުކިން ނުހައްދައި ފެރީ ފުރާ ކޮންމެ ގަޑިއެއްގައި ވެސް ކުޑަގިރިއަށް ޕިކްނިކް ދެވޭނެ ކަމަށެވެ. ކުޑަގިރިއަށް ދިއުމަށް މިހާރު ދުރާލާ ބުކިން ނުހެއްދިނަމަވެސް، ދަތުރުގޮސް ބޭނުންކުރާ އަށި ފަދަ ތަންތަން ނަގަން، ކުޑަގިރި އެޕްލިކޭޝަނުން ބުކިން ހަދަން ޖެހޭނެއެވެ. އަދި އެރަށުގައި ހަދާފައިވާ ރޫމްތައް ބޭނުންކުރުމަށްވެސް ދުރާލާ ބުކިން ހައްދަން ޖެހޭނެއެވެ.

ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ރަށަށް ދަތުރުކުރުމާއި އަދި ރަށަށް އެރުމަށް ފީއެއް ނަގައެވެ. އެގޮތުން ދެކޮޅު ފެރީ ދަތުރާއި އެންޓްރެންސް ފީއަށް ބޮޑު މީހެއްގެ އަތުން 100 ރުފިޔާ ނަގައެވެ. އަދި 2އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް 50 ރުފިޔާ ނަގައެވެ. 2 އަހަރުން ދަށުގެ ކުދިންނަކަށް ފީއެއް ނުނަގާނެއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްގީ ކޮށްފައި ވަނީ އާންމުން ބޭނުން ކުރުމަށްޓަކައި ގިނަ ވަސީލަތްތަކެއް ހިމަނައިގެންނެވެ. އޭގެތެރޭގައި ޑޭ ޔޫސްގެ ގޮތުގައި 12 ކޮޓަރި، އާންމުން ބޭނުން ކުރުމަށް 13 ކުޑަ އަށްޓާއި ހަތަރު ބޮޑު އަށި، މިނީ ފުޓްބޯޅަ، ވޮލީ، އަދި ބާސްކެޓް ކޯޓުތައް، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭ އޭރިއާ އަދި އެއް ޑައިވް މަރުކަޒުގެ އިތުރުން މޫދު ކުޅިވަރު މަރުކަޒެއް ހިމެނެއެވެ.

އަށީގެ އަގުތަކަށް ބަލާއިރު ދުވަހެއްގެ އެއްބަޔަށް ކުޑައަށި ނަގާނަމަ 250 ރުފިޔާ، އަދި މުޅި ދުވަހަށް ނަގާނަމަ 500 ރުފިޔާއަށެވެ. ބޮޑު އަށްޓެއް ސާޅީހަކަށް މީހުންގެ ގްރޫޕަކަށް ބޭނުން ކުރެވޭނެއެވެ. މި އަށި ވަކި ގްރޫޕަކުން އެއްކޮށް ނަގާނަމަ ބައި ދުވަހަށް 650 ދައްކަން ޖެހޭނެއެވެ. އަދި މުޅި ދުވަހަށް ނަގާނަމަ ދައްކަން ޖެހޭނީ 1200 ރުފިޔާއެވެ.

މާލެ އާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމީ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދާނެ ވައުދުތަކުގެ ދަށުންނެވެ.