އޮސްޓްރޭލިއާގެ ޓައުނެއް ކަމަށްވާ ލަޖަމަނޫ އަށް ބޯކޮށް ވާރޭ ވެހި "މަހުގެ ވާރޭ" ވެހިއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެންމެ ފުރަތަމަ އެ ޓައުނަށް ބޯކޮށް ވާރޭ ވެހެން ފެށީ ކަމަށާއި ވާރެއާއެކު އުޑުން މަސް ވެސް ބިމަށް އައި ކަމަށެވެ. މި ޓައުނަށް ތިން ފަހަރެއްގެ މަތިން "މަހުގެ ވާރޭ" ވެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ 2010، 2004 އަދި 1974 ވަނަ އަހަރުއެވެ. ލަޖަމަނޫ ގެ ލޯކަލް އެންޑް ސެންޓްރަލް ކައުންސިލަރު އެންޑްރޫ ޖޯންސަން ވިދާޅުވީ ވަރުގަދަ ތޫފާނެއް އެ ޓައުނަށް އަންނަ ކަން އަވަށު މީހުންނަށް އެނގޭ ކަމަށާއި އެންމެން ވެސް ތިބީ އެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ. ނަމަވެސް ވާރޭ އާއެކު އުޑުން މަސް ފޭބި މަންޒަރު ބައެއް މީހުންނަށް ފެނިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޫސުން ލަފާކުރާ ސައިންސްވެރިން ބުނާގޮތުގައި "މަހުގެ ވާރޭ" ވެހެން ދިމާވަނީ ޓޯނޭޑޯ ތަކުގެ ސަބަބުންނެވެ. ކަނޑު ހުރަސްކޮށް ތޫފާނެއް އަންނައިރު ތޫފާން، ބައެއް ފަހަރު ފެނުގެ ތޫފާނަކަށް ވެސް ބަދަލުވެގެންދާ ކަމަށާއި ފެނުގެ ތޫފާނަކަށް އެ ތޫފާން ބަދަލުވެއްޖެނަމަ ކަނޑުގައި ހުންނަ މަސްތަކުގެ އިތުރުން އެއްގަމާ ކައިރީގައި އުޅޭ މަސްތައް ޓޯނޭޑޯގެ ސަބަބުން ދަމައިގަންނަނީ ކަމަށެވެ.

މިއީ އެހާ އާންމު ހާދިސާ އެއް ނޫންނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަހަރެއް ނުވަތަ ދެއަހަރެއްގެ މައްޗަށް 40 ހާދިސާ ހިނގާ ކަމަށް ސައިންސްވެރިން ބުނެއެވެ. މިގޮތަށް ކަންތައް ވެގެންދަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަމަށްވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.