ހއ. ކެލާގައި ގިނަ ދުވަސްވެ ނުނިމި ހުރި މަޝްރޫއުތަކުގެ މައްސަލަގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
'ދަ ޕްރެސް' އަށް މައުލުމާތު ދެމުން ޕެޓިޝަންގެ ކަންކަމުގައި އިސްކޮށް އުޅުނު މީހަކު ބުނީ، އެ ރަށުން 150 އަށް ވުރެ ގިނަ މީހުންގެ ސޮއިއާ އެކު ރައީސް އޮފީހަށް ޕެޓިޝަން ހުށަހަޅާފައިވާ ކަމަށެވެ. އެ ޕެޓިޝަނަކީ އެ ރަށުގައި ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުނިމި ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އަދި ކުރިއަށް ހުރި މަޝްރޫތައް ހިންގުމަށް ބަޔަކާ ހަވާލު ކުރާ އިރު، އެ މަސައްކަތް ނިންމޭނެ ފެންވަރުގެ ގާބިލް ބަޔަކަށް ހަވާލުކޮށް ދިނުމަށް އެދި ހުށަހެޅި ޕެޓިޝަނެއް ކަމަށެވެ.
މިހާރު ވެސް ނުނިމި ހުރި މަޝްރޫއުތަކުގެ ތެރޭގައި އެ ރަށު ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި، ފެނަކަ އޮފީހާއި، ކެލާ ފުޓްބޯޅާ ދަނޑުގެ ރޮސްޓޮރަމް ހިމެނެއެވެ. މީގެ ތެރެއިން އެ ރަށު ސްކޫލްގެ މަލްޓިޕާޕަސް ހޯލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ފެށި މަޝްރޫއެއް ކަމަށާއި އަދިވެސް އެ މަޝްރޫގެ މަސައްކަތް ނިމިފައި ނުވާ ކަމަށް ޕެޓިޝަންގައި ވަނީ ފާހަގަ ކޮށްފައެވެ.
މަސައްކަތް ލަސްވަމުންދާ ސަބަބެއް ކަމަށް ފާހަގަކޮށްފައި ވަނީ ކަމަށް ގާބިލް ނޫން ކުންފުނިތަކަށް މަޝްރޫއުތައް ހަވާލު ކުރުމެވެ. އަދި ކަން މިހެން ވުމުން ދައުލަަތަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ވާނެ ކަމަށާއި ރައްޔިތުންނަށް ސަރުކާރާ މެދު އޮތް އިތުބާރު ވެސް ގެއްލިގެން ދާނެ ކަމަށް ޕެޓިޝަންގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ކެލާގައި އާ ސިއްހީ މަރުކަޒުގެ މަޝްރޫއެއް ކުރިއަށް ގެންދަން އުޅޭއިރު، އެ މަސައްކަތް ބަޔަކާ ހަވާލު ކުރަން ވާނީ އެއީ މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ބައެއްތޯ ބަލައި، ކުރިން ހުއްޓިފައި ހުރި މަޝްރޫއުތައް ހެން އެ މަޝްރޫއު ނުހުއްޓި ކުރިއަށް ގެންދޭވެ ގޮތަކަށް ކަންކަން ހަމަޖައްސައިގެން ކަމަށް ޕެޓިޝަންގައި ފާހަގަ ކޮށްފައި ވެއެވެ. އަދި އާ ސިއްހީ މަރުކަޒުގެ މަޝްރޫއު އާއި ލަސްވެފައިވާ މަޝްރޫއުތައް ވެސް ހަލުވި ކަމާއެކު އަވަހަށް ނިންމޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ވެސް އެ ޕެޓިޝަންގައި ވަނީ އެދިފައެވެ.