އިންޑިއާގެ ބެންގަލޫރުގެ ރިސޯޓެއްގައި ބޭއްވި ޖީ20 ފައިނޭސް މިނިސްޓަރުންގެ ބައްދަލުވުމުގައި ޗައިނާއިން ރަޝިއާ ކުށްވެރިކުރަން ދެކޮޅު ހެދުމުން، ގުޅިފައިވަ ބަޔާނެއް ނުނެރެވުނެވެ.

ރަޝިއާ އާއި ޗައިނާވެސް ހިމެނޭހެން ޖުމްލަ 20 މަންދޫބުން ބައިވެރިވި ފައިނޭސް ފޯރަމް އަކީ، އެންމެ މުއްސަނދި 20 އިގުތިސޯދު (ޖީ20) ގައުމުތަކުން މާލީ ކަންކަމާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި ދުނިޔޭގެ އިގްތިސޯދީ ހާލަތާ ގުޅެގޮތުން ދެކޭގޮތާ ބެހޭ މަޝްވަރާ ކުރި ފޯރަމެކެވެ.

މި ފޯރަމްގައި ބައިވެރިވި ގައުމުތަކުން ތުރުކީއަށް އައި ބިންހެލުމާ ގުޅިގެން ލިބުމު މާލީ ގެއްލުންތަކާއި، ފަގީރު ގައުމުތަކުގެ އިތުރުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިމާވެފައިވާ މާލީ ކޮންޖެހުންތާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައި ވެއެވެ. މީގެ އިތުރުން ބައިވެރިން އަހަންމިއްޔަތުކަމެއް ދިން އެންމެ ބޮޑު މައްސަލައަކީ، ޔޫކްރައިން ހަނގުރާމައެވެ.

ރަޝިއާ އާއި ޗައިނާ ފިޔަވައި ދެން ބައިވެރިވި ހުރިހާ ގައުމަކުން ރަޝިއާގެ އުދުވާން ނުވަތަ ރަޝިއާއިން ޔޫކްރައިނަށް އެރި އެރުން ކުށްވެރި ކޮށްފައި ވާ އިރު ޗައިނާއިން އެކަން ކުރަން ދެކޮޅު ހެދިއެވެ. އަދި ޗައިނާ އޮފިޝަލުން ވިދާޅުވީ، ފައިނޭސް މިނިސްޓަރުންގެ ފޯރަމަކީ މަލީ ކަންކަމާ ގުޅުންހުރި ދާއިރާތަކުގެ ތެރޭގައި ކުރިއަށް ގެންދަން ޖެހޭ ފޯރަމެއް ކަމަށާއި އެ ފޯރަމުގައި ޔޫކްރައިނަށް ރަޝިއާ އެރުން ކުށްވެރިކުރަން ނުޖެހޭ ކަމަށެވެ.

ނަމަވެސް ޖަރުމަން ފަދަ ގައުމުތަކުގެ މަންދޫބުން ވިދާޅުވީ، މިވަގުތު އޮތީ އެންމެ މައްސަލައެއް ކަމަށާއި އެއީ ރަޝިއާ އާއި އެގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން ކަމަށެވެ. އެހެން ކަމުން އެ ފޯރަމްގައިވެސް އެވާހަކަ ދައްކަން ޖެހޭ ކަމަށާއި އަދި ކުށްވެރިވެސް ކުރަން ޖެހޭ ކަމަށެވެ.

ޖުމްލަ 17 ޕެރަގްރާފް ގެ މައްޗަށް އެކުލަވާލި ގުޅިފައިވާ ބަޔާނުގައި ހަރުކަށި އިބާރާތުން ރަޝިއާ ކުށްވެރިކުރަން ހުރިހާ ބައިވެރިން އެއްބަސްވާ ކަމަށް ބުނެފައި އޮތް ބަޔަށް ޗައިނާ ދެކޮޅު ހެދުމުން އެ ބަޔާން ފައިނަލް ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މިއަހަރަކީ، އިންޑިއާގައި ޖީ20 ގެ ވެރިންގެ ފެންވަރުގެ ބައްދަލުވުންތައް ކުރިއަށް ދާ އަހަރެވެ. ޖުމްލަ 255 ބައްދަލުވުމެއް އަހަރު ތެރެއަށް ބަހާލައިގެން ބާއްވަން ތާވަލް ކޮށްފައި ވާ އިރު، ޖީ20 ގެ ގައުމުތަކުން އެކި ދާއިރާތަކުން، އެކި ފެންވަރުގައި ބައްދަލުވުންތައް ބާއްވާ އެއްބަސްވެވޭ ގޮތްތަކެއް ނިންމަމުން ގެންދާނެއެވެ. އަދި ޖީ20ގެ އެންމެ އިސްވެރިންގެ ބައްދަލުވުން އަހަރު ފަހުކޮޅު އަންނަ އިރު، މި ކުދި ބައްދަލުވުންތަކުން ނިންމާ ކަންކަން ވެރިންގެ ބައްދަލުވުމަށް ހުށަހަޅާނެއެވެ.

ރަޝިއާ ކުށްވެރިކުރަން ޗައިނާ ދެކޮޅު ހެދިއިރު، ޗައިނާ އިން ވަނީ، ޔޫކްރައިން މައްސަލަ ހައްލުކުރަން 12 ނުކުތާގެ ސުލްހައިގެ ޕްލޭނެއް އާންމުކޮށްފައެވެ. އެ ޕްލޭނަށް ހުޅަނގުގެ ބައެއް ގައުމުތަކުން ތާއިދު ކޮށްފައި ވާ އިރު ޔޫކްރައިނުންވެސް ވަނީ ފެހި ސިގްނަލެއް ދީފައެވެ. ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްވީ ވިދާޅުވީ، ޗައިނާގެ އެ ހުށަހެޅުމާ ގުޅޭގޮތުން އެގައުމުގެ ރައީސް ޝީ ޖިންގްޕިން އާ މަޝްވަރާ ކުރައްވަން ބޭނުންވާ ކަމަށެވެ.

ޗައިނާގެ ހުށަހެޅުމުގައި، ރަޝިއާއިން ހިފި ބިންތަކުން ފައިބަން ޖެހޭކަން ބަޔާންކޮށްފައި ނެތަސް، އދ ގެ ޗާޓަރާ އެއްގޮތަށް ގައުމުތަކުގެ އިސްތިގުލާލާއި މިނިވަންކަން ކަށަވަރު ކުރުމަށާއި، ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ނެތްކަން ޔަގީން ކުރެވެން ވާނެކަމަށް ބުނެފައިވެއެވެ.

މި ގަރާރަށް އެމެރިކާއިން ފާޑުކިޔާފައި ވާ އިރު، އެގައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، ގަރާރު ރަނގަޅު ކަމަށް ރަޝިއާއިން ބުނުމުން ދެން އެއިން ނުކުންނާނެ ހެވެއް ނެތް ކަމަށާއި އެހެން ބަޔަކަށް އެއިން ވާނެ ފައިދާއެއްވެސް ނެތް ކަމަށެވެ.