ގއ. ދާންދޫ ކައުންސިލަށް ބިމުކުލީގެ ގޮތުގައި ލިބެން ޖެހޭ 8 ލައްކަ ރުފިޔާ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ގއ ދާންދޫ ކައުންސިލްގެ 2020 ވަނަ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ ހަތަރު މައްސަލައެއް ފާހަގަ ކޮށްފައެވެ. އެ ގޮތުން އެ އަހަރުގެ ނިޔަލަށް 7 އޮޑިހަރުގެއިން ބިމު ކުލީގެ ގޮތުގައި ލިބެން ޖެހޭ ފައިސާ އާއި ޖޫރިމަނާ އެކު ޖުމްލަ 5 ލައްކަ ރުފިޔާ އާއި ވިޔަފާރި ބޭނުމަށް ދޫކޮށްފައިވާ ބިންތަކަކުން ބިމު ކުއްޔަށާއި ޖޫރިމަނާއަށް އަރާފައިވާ ފައިސާއަށް ވާ ޖުމްލަ 3 ލައްކަ ރުފިޔާ އެ ކައުންސިލުން ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

2020 އަހަރުގެ ނިޔަލަށް ދާންދޫ ކައުންސިލުން ހަތް އޮޑިހަރުގެއަށް ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދަކީ 260،521 ރުފިޔާއެވެ. އަދި ޖޫރިމަނާގެ ގޮތުގައި 247،488 ރުފިޔާ އެކު ޖުމްލަ 508،009 ރުފިޔާ ކައުންސިލަށް ލިބެން ޖެހެއެވެ. ނަމަވެސް މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެ ފައިސާ ހޯދަން އެ ކައުންސިލުން މަސައްކަތް ކޮށްފަިއ ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން 2017 ވަނަ އަހަރުތެރޭ ދާންދޫން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ 17 ބިމަކަށް އެއްބަސްވުންތަކާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ ކަމަށާއި އަދި 20202 ވަނަ އަހަރުގެ ނިޔަލަށް އައި އިރު، އެ ފައިސާ ގަވާއިދާ އެއްގޮތަށް ދައްކާފައި ނުވާތީ އެ ކައުންސިލުން ފިޔަވަޅު އަލާފައި ނުވާ ކަމަށް އޮޑިޓް ރިޕޮތުގައި ބުނެއެވެ. އެ ގޮތުން ބިމު ކުޅިގެ ގޮތުގައި ލިބެންޖެހޭ 156،355 ރުފިޔާ އާއި ޖޫރިމަނާ ފައިސާގެ ގޮތުގައި ލިބެން ޖެހޭ 174،384 ރުފިޔާއައެކު ޖުމްލަ 330،739 ރުފިޔާ ކައުންސިލުން ހޯދާފައި ނުވާކަމަށް އޮޑިޓުގައި ބުނެފައި ވެއެވެ.

ދައުލަތުގެ އޮފީހަކުން ކުރާ މަސައްކަތަކަށް ނުވަތަ ދޭ ހިދުމަތަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންޖެހޭ ފައިސާ، އެ ކަމެއް ނިމުނުު ދުވަހުން ފެށިގެން ލަސްވެގެން އެއް މަސް ދުވަހުގެ ތެރޭގައި ހޯދަން ވާނެ ކަމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 19.5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވެއެވެ. އަދި ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެ ގަވާއިދުގެ 21.5 ވަނަ މާއްދާގެ (ހ) ގައި ތަފްސީލުކޮށް ދީފައި ވެއެވެ.

އެގޮތުން ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށާއި، ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ، 7 ދުވަސްތެރޭ ފައިސާ ދެއްކުމަށް 2 ފަހަރުު މަތީން ހަނދާންކޮށްދީ ލިޔުމަކުން އެންގުމަށާއި، އެ މުއްދަތުގެ ތެރޭގައި ވެސް ފައިސާ ނުދައްކައިފި ނަމަ، އެ މައްސަލަ ޝަރީއަތަށް ހުުށަހަޅައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށް ބަޔާންކޮށްފައި ވެއެވެ. ނަމަވެސް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ފައިސާ ހޯދުމަށް ކައުންސިލުން މަސައްކަތް ކޮށްފައި ވާކަން ލިޔުމުން ފެންނަން ނެތް ކަމަށް އެ ރިޕޯޓުގައި ވެއެވެ.

އެ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައި ހުރި އިތުރު މައްސަލަތަކަށް ބަލާއިރު، ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގެންފަިއވާ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައެއް ނުވެއެވެ. އެގޮތުން 2020 ވަނަ އަހަރު ދައުލަތުގެ އާމްދަނީގެ ގޮތުގައި ކައުންސިލަށް ލިބިފައިވާ 566،355 ރުފިޔާ މިދިޔަ އަހަރުގެ އޮކްޓޯބަރުގެ 23 ވަނަ ދުވަހާ ހަމައަށް އައި އިރު ވެސް އެމްއެމްއޭގައި ހުންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައެއް ނުވެއެވެ.

ހަމައެއާއެކު ދާންދޫ ކައުންސިލްގެ އިދާރާގައި ބޭނުންކުރާ އެއްވެސް ބޭންކް އެކައުންޓެއްގެ ބޭންކް ރީކޮންސިލިއޭޝަން ސްޓޭޓްމަންޓް ގަވާއިދުން ތައްޔާރުކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ. ބީއެމްއެލްގައި އެ ކައުންސިލްގެ 4 ބޭންކް އެކައުންތެއް ހުޅުވާފައިވާ އިރު، 2020 ވަނަ އަހަރު ނިމުނު އިރު، ޖުމްލަ ގޮތެއްގައި 1،116،002 ރުފިޔާ ހުރި ކަމަށް ބޭންކް ސްޓޭޓްމަންޓްތަކުން ދައްކާ ކަމަށް އޮޑިޓުން ބުނެއެވެ. ނަމަވެސް ބޭންކް ރީކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރަުކޮށްފަިއ ނުވާތީ އެކައުންޓްތަކުގައި ހުންނަންޖެހޭ ފައިސާ ހަމައަށް ކުރިކަން ކަށަވަރު ކުރެވެން ނެތް ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

މީގެ އިތުރުން ނަގުދު ފައިސާއިން ބިލުތައް ދައްކާފައިވާ އިރު، 2000 ރުފިޔާއަށް ވުރެ އިތުރަށް ފައިސާ ދައްކަން ޖެހޭ ނަމަ އެ ފައިސާ ދައްކަން ޖެހޭނީ ޗެކުން ކަމަށާއި، އެ ނޫން ގޮތަކަށ ްފައިސާ ދޫކުރެވޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް މާލިއްޔަތު ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އެ ކައުންސިލުން ވަނީ އެކައުންޓުން ނަގުދު ފައިސާ ގަނޑުކޮށް ނަގައި ތިޖޫރީގައި ބަހައްޓައިގެން ހަރަދުކޮށްފައެވެ. އެ ގޮތުން 124،344 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.