މި ނިމޭ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 50،000 އަށް އަރައިފިއެވެ.

ރިކްޓާ މިންގަނޑުން 7.8 ގެ ބާރު މިނުގައި އައި ބިންހެލުމުގައި ޖުމްލަ 11 ޕްރޮވިންސެއް ސުންނާފަތިވެފައި ވާ އިރު، ދިރިހުރި މީހަކު ފެނޭތޯ ރެސްކިއުވޯކަރުން ދަނީ އަދިވެސް މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި 240،000 މީހުން ހަރަކާތެރިވާ އިރު، ފާއިތުވި ދެތިން ދުވަހު، ދިރިހުރި އެއްވެސް މީހަކު ފެނިފައި ނުވާ ކަމަށް ހަބަރުތައް ބުނެއެވެ.

ބިންހެލުމުގައި ތުރުކީ ފަޅިން 44،218 މީހަކު މަރުވެފައި ވާ އިރު ސީރިއަ ފަޅިން 5،914 މީހަކު ވަނީ މަރުވެފައެވެ.

ތުރުކީގެ ޑިޒާސްޓާ މެނޭޖެމަންޓް އޮތޯރިޓީން ބުނެފައި ވާ ގޮތުގައި، ފުރަތަމަ އައި ބިންހެލުމަށް ފަހު ގަޑިއެއްހާ އިރު ފަހުން ހަމަ އެއާ ދާދި އެއްބާރުމިނެއްގައި އައި ބިންހެލުމަކީ ވޭތުވެ ދިޔަ 100 އަހަރުގެ ތެރޭގައިވެސް ނުލިބޭހާ ބޮޑު ގެއްލުމެއް ތުރުކީއަށް ލިބުނު ބިންހެލުމެކެވެ. އެ ދެ ބިންހެލުމާ ގުޅިގެން ޖުމްލަ 9000 އާފްޓާޝޮކް ނުވަތަ ލޮޅުން އެރި ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ބިންގަނދު ހެލިގަތުމާއެކު އިމާރާތްތައް ހުރި ގޮތަށް ފުނޑުފުނޑުވެގެން ތިރިވިއެވެ. ބައެއް އިމާރާތްތައް އަރިއަޅާލި އިރު، ބައެއް މަގުތަކާއި ހައިވޭފަދަ ތަންތަން 30 މީޓަރަށް އުފުލި ފަޅަފަޅައިގެން ގޮސް ވެއްޓުނެވެ. ހަލާކުވެފައިވާ މަގުތަކާއި ފުނޑުފުނޑުވެފައި ވަ އިމާރާތްތަކުން މުޅި ސަރަހައްދު ފުރިފައިވާ އިރު، ހާލުގައި ޖެހުމު މީހުންގެ އަދަދު މިލިއަނުން މިލިއަނުން ވަނީ އަރައިގެން ގޮސްފައެވެ.

ބިންހެލުން އައި ވަގުތަކީ ފަތިހަށް އަލިވިލެން އައި ވަގުތުކަމުން ގިނަ ބަޔަކު ނިދާފައި ތިބުމާއެކު އިމާރާތްތައް ވެއްޓެމުން ދިޔަ ވަގުތު ގިނަ ބަޔަކަށް ސަލާމަތް ވުމުގެ ފުރުސަތު ބަންދުވިއެވެ. އެނދުން ތެދުވެ ބޭރަށް ނިކުމެވޭނެހާ ވަގުތުކޮޅެއްވެސް ނުލިބި އިމާރާތް ހުރި ގޮތަށް ބޯމައްޗަށް ފޭބުމުގެ ނަތީޖާއަކަސް ވީ ގިނަ ބައެއްގެ ފުރާނަ ދިޔުމެވެ.

ނަމަވެސް، ރެސްކިއުވޯކަރުންގެ ބުރަ މަސައްކަތައެކު ތުރުކީ ފަޅިން 540،000 މީހަކު ސަލާމަތް ކުރި އިރު ސީރިއާ ފަޅިން ސަލާމަތް ކުރެވުނު މީހުންގެ އަދަދު ސާފެއް ނުވެއެވެ. ސީރިއާއަކީ، ދާއިހީ ހަނގުރާމައެއްގެ ސަބަބުން، ސުންނާފަތިވެފައިވާ ތަނަކަށް ވުމުގެ އިތުރުން، ސީރިއާ ސަރުކާރާއި ވަކިވެގަތުމަށް ހަނގުރާމަ ކުރާ ހަތިޔާރުއެޅި ޖަމާއަތްތަކާ ދެމެދު ކުރިމަތިލުންތައް ހިނގާ ތަނެކެވެ. ބިންހެލުން އައި ސަރަހައްދުގެ ބޮޑުބައި ހިއްސާ ކުރަނީ ހަނގުރާމަވެރިންނެވެ. އެހެންކަމުން ރެސްކިއުވޯކަރުންނަށް އެސަރަހައްދުތަކަށް ވަނުމުގައި ގިނަ ގޮންޖެހުންތަކާއި ސަލާމަތީ ސަބަބުތައް ދިމާވެ ހަގީގީ ގެއްލުން ވަޒަންކުރަން އޮފީ ދަތިވެފައެވެ.

ހާލުގައި ޖެހުނު މީހުންގެ ތެރެއިން 1.9 މިލިއަން މީހުން ވަގުތީ ޓެންޓްތަކާއި ހޮޓާތަކާއި އެނޫންވެސް އެކޮމަޑޭޝަންތަކުގައި ތިބި އިރު، ސީރިއާ ފަޅިން ޖުމްލަ 20 މިލިއަން މީހަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިންހެލުމުގެ އަސަރު ކޮށްފައި ވާ ކަމަށްވެސް ހިސާބުތަކުން ދައްކައެވެ. ސީރިއާ ފަޅިން އަސަރު ކޮށްފައި ވާ ކަމަށް އދ އިން އަންދާޒާ ކުރާ އަދަދަކީ 8.8 މިލިއަން މީހުންނެވެ.

މި ބިންހެލުމާ ގުޅިގެން ހަލާކުވި ގެތަކާއި ލިބުނު ގެއްލުން އަހަރެއްގެ ތެރޭގައި ހައްދަވާ އަދި މަރާމާތު ކުރައްވާނެ ކަމަށް ތުތުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ވަނީ ވިދާޅުވެފައެވެ.

މި ބިންހެލުމުގައި އާދަޔާ ހިލާފު ކިތަންމެ ކިތަންމެ ކަމެއް ފެނިގެން ދިޔަ އިރު، ބަޔަކު ވިހާފައި ތުއްތު ދަރިފުޅު ފޫޅާ އެކީ އޮވެ މަރުވި ހާދިސާ އަކާއި އެތައް ދުވަހެއްގެ ފަހުން ގާކުނޑިތަކުގެ ދަށުން ސަލާމަތް ކުރި ތުއްތު ކުދިންގެ އިތުރުން، ހަޓޭ ޕްރޮވިންސުގެ ކުޑަ ވިލެޖެއް ދެބުރި ވި ހާދިސާއެއް ހިމެނެއެވެ.