ޔޫކްރައިން ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ޗައިނާއިން ހުށަހެޅި ޕްލޭނާ ގުޅޭ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންގްޕިން އާ މަޝްވަރާ ކުރައްވަން ބޭނުންވާ ކަމުގައި ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، އެ ޕްލޭނާ ގުޅިގެން މަޝްވަރާ ކުރަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ ޗައިނާއިން ރަޝިއާއަށް ހަތިޔާރު ފޫރުކޮށް ނުދޭނެ ކަމުގެ ޔަގީންކަން ހޯއްދެވުމެވެ.
ޗައިނާގެ ޕްލޭނަށް ރަޝިއާއިން ފެހި ސިގްނަލެއް ދީ ބުނެފައިވަނީ ޗައިނާއިން ފާޅު ކުރި ހިޔާލުތަކަކީ ނުވަތަ ހުށަހެޅި ހުށަހެޅުމަކީ ރަޝިއާއިން ވެސް ގަބޫލުކުރާ ހަމަތަކެއް ކަމަށެވެ.
ޗައިނާއިން ހުށަހެޅި 12 ނުކުރާތެ ޕްލޭންގައި ގައުމުތަކުގެ އިސްތިގުލާލާއި މިނިވަން ކަމަށް އިހުތިރާމް ކުރުމުގެ ވާހަކަ އޮތް ނަމަވެސް ރަޝިއާއިން ހިފި ޔޫކްރައިންގެ ބިންތަކުން ރަޝިއާ ފައިބަން ޖެހޭނެ ކަމަށް ސާފު އިބާރާތުން ނެތް ކަމަށް ޔޫކްރައިން އިން ބުނެއެވެ.
މި ޕްލޭނާ ގުޅޭ ގޮތުން، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، އެ ޕްލޭނަށް ރަޝިއާއިން މަރުހަބާ ކިޔުމުން ރަޝިއާ ނޫން ބަޔަކަށް ލިބޭނެ ފައިދާއެއް އޮތް ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. މީގެ އިތުރުން އެމެރިކާއިން ވަނީ، ޗައިނާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށް ދޭން މަސައްކަތް ކުރާ ވާހަކަ ތަކުރާރު ކޮށްފައެވެ. އެގޮތުން ގޮވާ ތަކެއްޗާއި ޑްރޯންސް ފަދަ ތަކެތި ހިމެނޭ ކަމަށް ވައިޓްހައުސް އިން ބުނެއެވެ.
އެމެރިކާއަކީ ޔޫކްރައިން ހަނގުރާމައިގައި ޔޫކްރައިންގެ އެންމެ މުހިންމު އަދި އެންމެ ބޮޑު ބައިވެރިވުމެއް އޮތް ގައުމެވެ. ޔޫކްރައިން ހަނގުރާމައަށް އަހަރު ފުރުމާ ދިމާކޮށް ބައިޑަން ޔޫކްރައިން އަށް ވަޑައިގެން އެގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވާ، އިތުރު އެހީއާއި މަދަދު ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމަށް ފަހު ގައުމަށް އެނބުރި ވަޑައިގެން އިއްޔެ ވަނީ، ކުޑި ޑްރޯން އާއި ގޮވާތަކެތީގެ ބޮޑު ޝިޕްމަންޓެއް ޔޫކްރައިން އަށް ފޮނުވާފައެވެ.
އެެމެރިކާގެ ތުހުމަތުތައް ދޮގުކުރަމުން ޗައިނާއިން ބުނެފައި ވަނީ. އެމެރިކާއިން އުޅެނީ ހަނގުރާމައަށް ދަރުއަޅާ އިތުރަށް ރޯކުރަން ކަމަށާއި ޗައިނާ އާ ގުޅުވާ އެމެރިކާއިން ދައްކަނީ ހުސް "ހޮޅި ވާހަކަ" ކަމަށެވެ.
ޗައިނާގެ ހުށަހެޅުމަށް ހުޅަނގުގެ ބައެއް ގައުމުތަކުން މަރުހަބާ ކިއި ނަމަވެސް ނޭޓޯ ފަދަ ޖަމާއަތްތަކުގެ ވެރިން ބުނެފައިވަނީ، ޗައިނާއަށް މާ ބޮޑު އިތުބާރެއް ނެތް ކަމަށާއި، ޔޫކްރައިނަށް ރަޝިއާ އެރި އެރުން ކޫށްވެރިވެސް ކޮށްލަން ނުކެރުނު ބަޔަކަށް ސުލްހައެއް ހޯދިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
ދެވަނަ ބޮޑުހަނގުރާމަ އަށް ފަހު ޔޫރަޕަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކަށް ޔޫކްރައިން ހަނގުރާމަ ވެފައި ވާއިރު، އަހަރު ފުރުމާ ގުޅިގެން ޒެލެންސްކީ ދެއްވި ޕްރެސްކޮންފަރެންސް ގައި ވިދާޅުވީ، ހުޅަނގާއި އެމެރިކާގެ މަދަދު ލިބޭނަމަ ކާމިޔާބާއި ނަސްރު ލިބޭނީ އެމީހުންނަށް ކަން ޔަގީން ވާކަމަށެވެ.
ޔޫކްރައިނުން އެންމެ ބޭނުންވާ ޖަރުމަނުގެ އުފެއްދުމެއް ކަމަށް ވާ ލެޕާޑް 2 މަރުކާގެ ޓޭންކް ޕޮލަންޑުން ޔޫކްރައިނަށް މިހާރު ވަނީ ފޮނުޥާފައެވެ. ޖަރުމަނުން ފޮނުވާ 14 ޓޭންކް މިހާރު ވަނީ ފޮނުވުމުގެ މަގުމަތީގައެވެ. މީގެ އިތުރުން ސްޕެއިން، ކެނެޑާ، އިޓަލީ، އިނގިރޭސިވިލާތް އަދި އެމެރިކާގެ ޒަމާނީ ޓޭންކްތައްވެސް ފޮނުވުމަށް ދަނީ ތައްޔާރު ވަމުންނެވެ.
މުރާސިލުން ބުނާގޮތުގައި މި ހަނގުރާމަ އަކީ، ހުޅަނގާއި އެމެރިކާ ބައިެވރިވެ ރަޝިއާ އާ ކުރާ ހަނގުރާމައެކެވެ. މި ހަނގުރާމައަށް އަސް ނިމުމެއް ނެތް އިރު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ހުޅަނގަސް ގޮންޖައްސަވާ ވިދާޅުވީ، ހަނގުރާމައިގެ މައިދާނުގައި ރަޝިއާ ބަލިކުރުމަކީ ނުވާނެ ކަމެއް ކަމަށެވެ.
ހަނގުރާމަ ދެވަނަ އަހަރަކަށް ފެށިފައި ވާއިރު ހުޅަނގާއި އެމެރިކާއިން އަޅަމުން ގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ 10 ވަނަ ޕޭސް ރޭ ތަންފީޒު ކޮށްފިއެވެ. އެ ފޭސްގެ ދަށުން އެމެރިކާއިން އެކަނި އަޅަން ނިންމި ފިޔަވަޅުތަކުން ރަޝިއާއަށް 2.8 ބިލިއަން ޑޮލަރުގެ ގެއްލުން ވެއެވެ. އާންމު ކުންފުނިޔަކާއި، ފަރުދުންނާއި ސަރުކާރުގެ އެކައުންޓުތައް ފްރީޒް ކުރުމުގެ އިތުރުން، އެމެރިކާއަށް އެތެރެ ކުރާ ރަޝިއާގެ ގިނަ ބާވަތްތަކެއްގެ މުދަލުގެ ޓެރިފް ވަނީ ބޮޑުކޮށްފައެވެ.