ވ. އަތޮޅު ވެމްޕަރުފަޅު ހުޅަނގު އުތުރު ކަނޑުން ފެނުނު ހަށިގަނޑަކީ ތެޔޮ ބޯޓުން ގެއްލުނު އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މޮހައްމަދު ލިޓަންގެ ހަށިގަނޑު ނޫން ކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ހަށިގަނޑަކީ އޮޔާއެކު ރާއްޖެ އައިސްފައިވާ ހަށިގަނޑެއްތޯ ބެލުމަށް އިންޓަނޭޝަނަލް ޕާޓްނާސްއާ ވާހަކަދައްކަމުންދާ ކަމަށެވެ.
މިދިޔަ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ލިޓަންނާއި އެ ބޯޓުގެ ކެޕްޓަން ގދ. ތިނަދޫ / މަނާރު، މުހައްމަދު ނިޒާމް (45އ) ގެ ހަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް އެ މަހުގެ 29 ވަނަ ދުވަހުގެ ވަގުތެއްގައި އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުންނަ ހުޅުލެ ނެރު ކައިރިން އޮޔާ ދަނިކޮށް ފެނުނުއިރު އޭގައި އެއްވެސް މީހަކު ނެތެވެ.
އެ ދެމީހުން ހޯދަން ކުރި މަސައްކަތުން މާލެ ތެރޭގައި ނިޒާމް އުޅޭ ކަަމުގެ މައުލޫމާތު މިދިޔަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ލިބިފައިވާއިރު އެ ދުވަހު ވަނީ ވ. އަތޮޅު ވެމްޕަރުފަޅު ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ވެސް ފެނިފައެވެ. އަދި އެއީ ލިޓަންގެ ހަށިގަނޑު ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އޭގެ އަނެއް ދުވަހު ނިޒާމް ހައްޔަރުކޮށް 60 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފައެވެ.
އެ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު ވަޅުލާފައިވާއިރު ނިޒާމް ހައްޔަރުކޮށްފައިވަނީ އެ ހަށިގަނޑާ ގުޅިގެންނެއް ނޫނެވެ. އަދި ނިޒާމް ހައްޔަރުކުރީ ފިލައިގެން އުޅުނު ކަމުގެ ތުހުމަތުގައާއި ލިޓަންގެ ގެއްލުނު ކަމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި ނިޒާމްގެ މައްޗަށް ދައުވާކުރުމަށް އެދި ޕީޖީއަށް މިހާރު ވަނީ ފޮނުވާފައެވެ.