އެމެރިކާއާ އާ އެކު ހަދާފައި އޮތް ނިއުކްލިއާ އެއްބަސްވުން ނިމުމަކަށް ގެނެސް، ރަޝިއާގެ ނިއުކްލިއާ ގާބިލުކަން އިތުރަށް ފުޅާ ކުރައްވާނެ ކަމަށް އެގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެވެ.
އެމެރިކާ އާ އެކު ރަޝިއާއިން ހަފާދައި އޮންނަ މުއާހަދާގެ ދަށުން 2 ގައުމުން ކުރެ ގައުމަކަށް ނިއުކްލިއާ ތަރައްގީ ކުރެވޭނީ ވަކި މިންވަރަކަށެވެ. އަދި ނިއުކްލިއާ ފެސިލިޓީތަކާ ގުޅޭ މައުލޫމާތު އެއްގައުމު އަނެއް ގައުމަށް ހިއްސާވެސް ކުރަން ޖެހެެއެވެ.
މިވަގުތު ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ނިއުކްލިއާ ވޯހެޑް ހުރީ ރަޝިއާގައެވެ. އެގައުމުގައި 6000 ވޯހެޑް އެބައޮތެވެ. އެމެރިކާގައި އޮތީ 5400 ވޯހެޑެވެ.
ޕުޓިން ވިދާޅުވީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުމާއެކު އެއްގަމާއި ކަނޑާއި ވައިގެ މަގުގައި ބޭނުން ކުރެވޭ ނިއުކްލިއާ އިތުރަށް ތަރައްގީ ކޮށް ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ ނިއުކްލިއާ ވޯހެޑް ހަރުކޮށްގެން އުދުއްސާލެވޭ ނުވަތަ ހަމަލާ ދެވޭ ސަރަމްތް އިންޓަކޮންޓިނެންޓަލް ބެލެސްޓިކް މިސައިލް (އެއް ބައްރުން އަނެއް ބައްރަށް ފޮނުވާލެވޭ މިސައިލް) މިއަހަރުގެ ތެރޭގައި ހިދުމަތަށް ނެރޭނެ ކަމަށެވެ.
މިއީ މީގެ ކުރިން ޕުޓިން ހާމަ ކުރައްވާފައި ވާ ވާހަކަ އަކަށް ނުވާ އިރު އެފަދަ އިތުރު މިސައިލެއްގެ ވާހަކަވެސް ވަނީ ވިދާޅުވެފައެވެ. އެއީ ކަނޑުން ފޮނުވާލެވޭ ޒިރްކޯން ހައިޕާސޮނިކް މިސައިލެވެ. އޭނާ ވިދާޅުވީ، އެ މިސައިލާއި އެއާ ގުޅޭ ނިޒާމުތައް ގިނަ އަދަދަކަށް އުފެއްދުމުގެ މަސައްކަތްވެސް ވަރަށް އަހަކަށް ފައްޓަވާނެ ކަމަށެވެ.
ރަޝިއާއިން ޔޫކްރައިން އަށް އެރިތާ އަހަރެއް ފުރުން ފާހަގަ ކުރުމަށް ދެއްވި ހިތާބަށް ފަހު އެމެރިކާ އާއި ނޭޓޯ އިން ރަޝިއާ އަށް ފާޑުކިޔައި ވާ އިރު، ރަޝިއާއިން ދަނީ ޗައިނާ އާއެކު އެފްރިކާ ބައްރުގައި އަސްކަރީ ފަރިތަކުރުންތަކަށް ތައްޔާރު ވަމުންނެވެ. ހަބަރުތައް ބުނާގޮތުން މާދަމާ ފަށާ މި ފަރިތަކުރުންތަކުގައި ހައިޕަސޮނިކް މިސައިލެއް ވެސް ބޭނުން ކުރާނެއެވެ.
ރަޝިއާގެ މިސްރާބު ނިއްކްލިއާ ގާބިލުކަން އިތުރު ކުރުމާ ދިމާއަށް ހުރި އިރު، އެމެރިކާއިން ވަނީ ރަޝިއާ އިން ދީފާނެ ކޮންމެފަދަ ހަމަލާއަކަށް ތައްޔާރު ކަމަށާއި ގައުމާއި ބައިވެރިން (އެމެރިކާގެ އެކުވެރިން) ގެ ދިފާއުފައި ރައްދު ދޭނެ ކަމަށް ބުނެފައެވެ.
ޔޫކްރައިން ހަނގުރާމައަށް އަހަރު ފުރުނު ވަގުތާ ދިމާކޮށް އެމެރިކާގެ ރައީސް ސިއްރިއްޔާތުގައި ޔޫކްރައިނަށް ވަޑައިގަތެވެ. އަދި ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލޮންސްކީ އާ ބައްދަލު ކުރައްވައި އެމެރިކާގެ ފުރިހަމަ މަދަދާއި އެހީތެރިކަން އަބަދުމެ އޮންނާނީ ޔޫކްރައިން އާ އެކު ކަމަށް ވިދާޅުވެ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި އަސްކަރީ އިތުރު އެހީވެސް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެން އެއްގަމު މަގުން ޕޮލަންޑަށް ވަޑައިގެން އެތާނގައި ނޭޓޯގެ މެންބަރުންނާއެކު ވަނީ ބައްދަލުވުންތަކެއް ބާއްވަވާފައެވެ.