ނ. ކުޑަފަރީ ކައުންސިލުން ހަފްތާއަކު އެއްފަހަރު ތިޖޫރީ ރިޕޯޓް ތައްޔާރު ނުކުރާތީ ތިޖޫރީން 153،00 ރުފިޔާ މަދުވާ ސަބަބު ދެނެގަނެވިފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ނ. ކުޑަފަރީ ކައުންސިލްގެ 2021 ވަނަ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ ހަ މައްސަލައެއް ފާހަގަ ކޮށްފައެވެ. އޭގެތެރެއިން އެ ކައުންސިލުން ބަލައިގަންނަ ފައިސާ ޖަމާނުކޮށް ތިޖޫރީގައި ބެހެއްޓުމާއި ތިޖޫރީ ރިޕޯޓް ތައްޔާރު ނުކުރާ މައްސަލަ ހިމެނެއެވެ.
ކުޑަފަރީ ކައުންސިލަށް އާމްދަނީގެ ގޮތުގައި 2021 ވަނަ އަހަރު ބަލައިގެންފާ ފައިސާގެ ތެރެއިން 242،781 ރުފިޔާ ދައުލަތުގެ އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަމަށާއި އަދި އެ ފައިސާ ހުރީ ތިޖޫރީގައި ބަހައްޓާފައި ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ. ހަމައެއާއެކު އޮޑީޓަށް ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި ހަފްތާއަކު އެއްފަހަރު ތައްޔާޜަު ކުރަން ޖެހޭ ތިޖޫރީ ރިޕޯޓް ތައްޔާރު ކޮށްފައި ނުވާ ކަމަށް އޮޑިޓުން ބުނެއެވެ.
އެ ގޮތުން މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހާ ހަމައަށް ތިޖޫރީގައި ހުންނަން ޖެހޭ ފައިސާ ކަމަށް ދައްކާ އަދަދީ 216،640 ރުފިޔާ ކަމަށް ވާ އިރު، ތިޖޫރީގައި އެ ދުވަހާ ހަމައަށް ހުރީ 63،470 ރުފިޔާ ކަމަށް އޮޑޮޓް ރިޕޯޓްގައި ބުނެއެވެ. މިއީ 153،170 ރުފިޔާގެ ފަރަގެއް ކަމަށާއި ހަފްތާއަކު އެއްފަހަރު ތައްޔާރު ކުރަން ޖެހޭ ތިޖޫރީ ރިޕޯޓް ތައްޔާރު ނުކުރާތީ އެ ފަރަގު އައިސްފައިވާ ސަބަބު ދެނެނުގަނެވޭ ކަމަށް އެ ރިޕޯޓްގައި ބުނެއެވެ.
ދެން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ، އެއް މަސައްކަތެއްގެ ގޮތުގައި ކުރެވޭ މަސައްކަތް ބައިބަޔަށް ބަހާލައިގެން އެ މަސައްކަތްތައް ކޮށްފައިވާ މައްސަލައެކެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ މަސައްކަތަކަށް އަރާ ޖުމްލަ ފައިސާ އަކީ 63،600 އަށް ވީ އިރު އެ ކައުންސިލުން އެ މަސައްކަތް ވަނީ ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ވާ ގޮތުން އެއްފަހަރާ ގަންނަ ތަކެތީގެ ޖުމްލަ އަދަދު ނުވަތަ ކުރާ މަސައްކަތުގެ ޖުމްލަ އަދަދު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އާންމުކޮށް އިއުލާން ކޮށް އަންދާސީ ހިސާބު ހޯދުމަށް ފަހު އެންމެ އެކަށީގެންވާ ފަރާތަކާ ހަވާލު ކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ބުނެއެވެ.
ނަމަވެސް އެ ކައުންސިލުން ވަނީ 35،000 ރުފިޔާއަށް ވުރެ އިތުރު ވުމުން ބައިބަޔަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންގޮސްފައި ކަމަށް ރިޕޯޓް ބުނެއެވެ. މިއީ ޕްރޮކިއުމަންޓްގެ ވާދަވެރިކަން ގެއްލޭ ގޮތަށް މާލިއްޔަތު ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމުން މިކަން އިސްލާހު ކުރުމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފަހާގަ ކޮށްފައެވެ.
މީގެ އިތުރުންވެސް ހަރުމުދަލުގެ ހިސާބުތައް ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއް ގޮތަށް ބަލަހައްޓާފައި ނުވުމާއި، ރަށުގެ ތަރައްގީ އާއި ފައިނޭޗަލް ޕްލޭން އެކުލަވާފައި ނުވާ ކަން އޮޑީތް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.