1444 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދާން ރާއްޖެއަށް ޖުމްލަ 1000 ޖާގަ ކަށަވަރު ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު އަހްމަދު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޒާހިރު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. 1000 ޖާގައިގެ އިތުރުންވެސް އިތުރު ޖާގަ ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޒާހިރު ވިދާޅުވިއެވެ. މި އަހަރަކީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ލިމިޓެއް ނެތި ސައުދީން ހައްޖަށް މީހުން ގެންދާނެ ފުރަތަމަ އަހަރެވެ. ކޮވިޑްގެ ބަލިމަޑުކަން ފެތުރިފައިވާ ގޮތަށް ބަލާ ހައްޖަށް މީހުން ގެންދާ އަދަދު ލިމިޓް ކުރީ 2021 ވަނަ އަހަރުއެވެ.

އެ އަހަރު ފުރުސަތު ދީފައިވަނީ ސައުދީ އަރަބިއްޔާގައި ދިރިއުޅެމުން ދިޔަ އެ ގައުމުގެ ރައްޔިތުންނާއި އެހެން ގައުމުތަކުން ސައުދީގައި ރަށްވެހިވެ، އެ ގައުމުގައި އެވަގުތު ދިރިއުޅެމުން ދިޔަ މީހުންގެ ތެރެއިން 60،000 މީހަކަށެވެ.

އެއާ ހިލާފަށް މިދިޔަ އަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާއަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިވެހިން ދިޔައެވެ. ހައްޖު ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކޯޓާ ބެހުމުގައި 352 ޖާގަ ހާއްސަ ކުރީ، ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާ ހުޅުވާލީ އާންމުންނަށެވެ. 2022 ވަނަ އަހަރު ގައުމުތަކުން ޖުމްލަ 900،000 މީހުންނަށް ސައުދީން ފުރުސަތު ދިނެވެ.

ކޮވިޑްގެ ބަލި މަޑުކަން ފެށުނުތާ 3 އަހަރު ފަހުން ކުރީގެ އުސޫލަށް ހައްޖަށް ގެންދިއުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މި އަހަރުގެ ޖެނުއަރީ ގައެވެ.