ސައުދިއަރަބިއްޔާގެ ހަކަތައިގެ ދާއިރާ ކުރިއެރުމަށް ވަރަށް ގިނަ ޕްލޭންތައް ހުރިކަން ހާމަ ކުރައްވަމުން އެ ދާއިރާ ތަރައްގީ ކުރުމަށް އިންޑިއާ އާއެކު މަސައްކަތް ކުރާކަމަށް އެގައުމުގެ ހަކަތައާ ބެހޭ ވަޒީރު ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

1500 ނޫސްވެރިން ބައިވެރިވި ސައުދީ މީޑިއާ ފޯރަމްގެ ހަވާސާފައި ޕްރިންސް އެވާހަކަ ހާމަ ކުރެއްވި ނަމަވެސް ތަފްސީލުތަކެއް ނުދެއްވައެވެ. ވިދާޅުވީ، އެކަންކަން ފެށުމުން ފެންނާނެ ކަމަށެވެ.

ހަކަތައިގެ ދާއިރާއިން އިންޑިއާ އާއެކު މަސައްކަތްތަކެއް ކުރާ ވާހަކަ ސައުދީން ހާމަ ކުރި އިރު މީގެ 4 މަސް ކުރިން ޕްރިންސް އިންޑިއާ އަށް ވަޑައިގެން އިންޑިއާގެ އޮފިޝަލުންނާއެކު އެދާއިރާގެ މަޝްވަރާތައް ބޭއްވި ކަމަށް ހަބަރުތައް ބުނެއެވެ.

އެ މަޝްވަރާތަކުގެ އަލީގައި މީޑިއާގައި ތިލަކޮށްފައި އޭރު ހުރި ބައެއް ވާހަކަތަކުގެ ތެރޭގައި އިންޑިއާގެ ގުޖުރާތު ކަނޑުން މެދުއިރުމައްޗަށް ގުޅާލައި ކަނޑުއަަޑީގެ ކޭބަލެއް އަޅާކަމަށް ބުނެފައި ވެއެވެ. ނަމަވެސް ދެގައުމުގެ ރަސްމީ އެއްވެސް އިދާރާއަކުން މިވާހަކަ ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާ އާއެކު ސައުދީން މަސައްކަތްތަކެއް ކުރާ އިރު، ސައުދީން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ސޯލިހް ބިން އީދު އަލް ހުސައިނީ ވިދާޅުވެފައި ވަނީ، ސައުދީއާއި އިންޑިއާ އާ ދެމެދު އޮތް ގުޅުންތައް އޭނާގެ ދައުރުގައި ވަރުގަދަ ކުރައްވާނެ ކަމަށެވެ. އެގޮތުން އެކި ދާއިރާތަކުން ދެގައުމުގެ ގުޅުން ބަދަހި ކުރުމުގެ އިތުރުން ޕީޕަލް ޓް ޕީޕަލް ނުވަތަ ދެގައުމުގެ ރައްޔިތުންގެ ދެމެދުގައި ގުޅުންވެސް ބަދަހި ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އިންޑިއާ އާއި ސައުދީ އާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ނިމިދިޔަ މާލީ އަހަރު އިންޑިއާއިން ވަނީ 42 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ކޮށްފައި ވެއެވެ. އަދި މިހާރުގެ ވަލީ އަހުދު ޕްރިންސް ސަލްމާން، ސައުދީގެ ޒައާމަތަށް ވަޑައިގެން ފަހުން އިންޑިއާ އާއެކު ގުޅުންތައް ވަނީ އިތުރު ކުރައްވާފައެވެ. އެ ގުޅުމުގެ ތެރެއިން އޭނާ 2019 ވަނަ އަހަރު އިންޑީއާ އަށް ވަޑައިގެންފައިވެސް ވެއެވެ.