އެމެރިކާގެ ވައިޓްހައުސް އަށް ވެސް ނޭނގި ބައިޑަން ޔޫކްރައިނަށް ވަޑއިގެންފިއެވެ. ސިއްރިއްޔާތުގައި ކުއްލިއަކަށް ބައިޑަން ޔޫކްރައިނަށް ވަޑައިގެން މި ވަގުތަކީ، ރަޝިއާއިން ޔޫކްރައިނަށް ހަމަލާ ދޭން ފެށިތާ އަހަރު ފުރޭ ވަގުތެވެ.

ބައިޑަން ޔޫކްރައިން އަށް ވަޑައިގަންނަވާކަން ވައިޓްހައުސް އަށް ނޭނގި، މިއަދުވެ ވަގުތެއްގައި ބައިޑަން ވާސޯ އަށް ވަޑައިގަންނަވާނެ ކަމަށް ބުނެ ބައިޑަންގެ ދަތުރުތަކާ ގުޅޭ ޝެޑިއުލްވެސް ނެރުނެވެ.

ހަބަރުތައް ބުނާ ގޮތުން ބައިޑަން، ޔޫކްރައިނަށް ވަޑައިގަތީ ޕޮލަންޑް މަގުން ރޭލެއްގައެވެ. އެ ދަތުރާ ގުޅޭ މައުލޫމާތު ކުރިން އާންމު ނުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް އޮފިޝަލުން މިހާރު ހާމަކޮށްފައި ވާ އިރު، ބައިޑަން ޔޫކްރައިނަށް ވަޑައިގެން ވަގުތު ވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ބަރުގޮނު މުޅި ޔޫކްރައިންގައި އިއްވާފައެވެ. އެ ބަރުގޮނަކީ، ރަޝިއާއިން ހަމަލާ އަންނަ ވަގުތު، އާންމުންގެ ސަމާލުކަމަށްވެސް އަޅާ ބަރުގޮނެކެވެ.

ބައިޑަންއާއި ޔޫކްރައިންގެ ރައީސް ބައްދަލު ކުރައްވާ ފޮޓޯތައް މިހާރު އާންމު ކޮށްފައި ވާ އިރު، ބައިޑަން ވިދާޅުވީ، އެމެރިކާ އޮތީ ޔޫކްރައިން އާ އެކު ކަމަށާއި އަސްކަރީ އިތުރު އެހީއާއި މާލީ އެހީތެރިކަން ދެއްވާނެ ކަމަށެވެ. އަދި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ހީކުރެއްވީ، ހަނގުރާމަ ފެށުމާއެކު ޔޫކްރައިން އެކަނި ވެ ހުޅަނގުންވެސް އަޅާނުލާނެ ކަމަށާއި ނަމަވެސް އެއީ މުޅިން ގޯސް ހީއެއް ކަމަށެވެ.

ބައިޑަންގެ މިދަތުރާ ގުޅިގެން ރަޝިއާގެ ބަހެއް އަދި ނެތެވެ.