ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މިއަދު ސިންގަޕޫރަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މިއަދު ފުރާވަޑައިގަންނަވާނެ ކަމަށް ބުނި ބުނުން ފިޔަވައި، ރައީސް އޮފީހުން އެ ދަތުރުފުޅާ ގުޅޭ ތަފްސީލެއް ނުދެއެވެ. އަދި މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއްވެސް ހާމައެއް ނުކުރެއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި އެންމެ ފަހުން ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 12 ގައެވެ.

މީގެ އިތުރުން ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވެސް ރައީސް ސިންގަޕޫރަށް ވަޑައިގެންނެވި އިރު އެ ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގަތެވެ.

އޭގެ ފަހުން އޭޕްރިލް މަހު ވެސް އެ މަނިކުފާނުގެ ދެކަނބަލުން ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.