މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ކޯލިޝަންގެ ޕާޓުނަރުންނަށް ސިޓީއެއް ފޮނުއްވައިފިއެވެ.
އެމްޑީޕީއާ އެކު މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ތިން ޕާޓީގެ އިސް ބޭފުޅުންނަށް ރައީސް ފޮނުއްވި ސިޓީގައި ރިޔާސީ އިންތިހާބަށް އެކުގައި ނިކުތުމުގެ ދައުވަތު ވަނީ ދެއްވާފައެވެ.
މިއަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރައީސް ސޯލިހަށް އެ ޕާޓީގެ ޓިކެޓް ރަސްމީކޮށް އަރުވާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ. އަދި ރައީސް ސޯލިހަށް ކޯލިޝަން ހެދުމުގެ ބާރު އެ ޕާޓީގެ ގައުމީ މަޖިލީހުން ދީފައި ވާއިރު ރައީސް ސޯލިހް ގެންދަވަނީ އިންތިހާބަށް ކޯލިޝަނާ އެކު ނިކުމެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ،
މި ގޮތުން ރާއްޖޭގައި ތިންވަނައަށް އެންމެ މީހުން ގިނަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާ އެކު ރައީސްގެ މަންދޫބުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ރައީސް ސޯލިހްގެ ފަރާތްޕުޅުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމެވެ.
އެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔައިރު އެމްޑީޕީން ބުނީ އެ ބައްދަލުވުމުގައި ވަކި ހުށަހެޅުމެއް ނެތް ކަމަށާއި އަދި ވަކި ކަމަކަށް އެއްބަސްވެފައި ނުވާކަމަށެވެ. އެހެންނަމަވެސް އެއީ ވަރަށް 'ޕޮޒިޓިވް' ބައްދަލުވުމެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމްއިން ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް އިއުލާން ކޮށްފައެއް ނުވެއެވެ. މީގެ އިތުރުން އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއެކު އެ ޕާޓީގެ ތެރެއިންވެސް ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން 'ފިކުރެއްގެ ދިރުން' ނަމުގައި ގޮއްޕެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު މި އިންތިހާބުގައި އެ ގޮފިން ތާއިދުކުރާނެ ކެންޑިޑޭޓަކު އަދި ނިންމާފައެއް ނުވެއެވެ.