މިއަހަރުގެ މިހާ ހިސާބަށް އައި އިރު 12000 ޓަނުގެ މަސް މިފްކޯއަށް ގަނެފައިވާ ކަމަށް އެކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ މިމަސް ފެށިގެން އައިއިރު މަސްވެރިކަން ރަނގަޅު ކަމަށާއި މިދުވަސްވަރު އެވްރޭޖްކޯށް ދޯންޏަކުން 50 ޓަނަށް ވުރެ ގިނައިން މަސް ކިރުވުމަށް އަންނަ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް މަސްވެރިން އަތުން ގަނެފައިވާ މަހަށް 198 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މިދިޔަ އަހަރު މަސްވެރިންނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަން ފާހަގަކުރައްވާ ފައުޒީ ވިދާޅުވީ މިފްކޯގެ 12 އަހަރުގެ ތާރީހުގައިވެސް މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރީ މިދިޔަ އަހަރު ކަމަށެވެ.

ފައުޒީ ވިދާޅުވީ މިހާރު އަމާޒަކީ ހަތް ދުވަހުގެ ތެރޭ މަސްވެރިންނަށް ފައިސާ ދިނުން ކަމަށާއި އެހެން ނަމަވެސް ބައެއް ފަހަރު ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އެކަންކަމަށް ހައްލު ހޯދުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.

މަސްވެރިން ކިރާ މަހަށް ފައިސާ ނުލިބި ލަސްވާ މައްސަލަތަކާއި މަސް ކިރުމުގައި ދިމާވާ މައްސަލަތަކާ ގުޅިގެން މީގެ ކުރިން މަސްވެރިން ވަނީ އިހުތިޖާޖުތައް ވެސް ކޮށްފައެވެ.