ބޭރުގެ ވިޔަފާރިތަކަށް ސިނާއީ ބޭނުމަށް ތިލަފުށިން ބިން ގަތުމަށް ބީލަމުގައި ބައިވެރިވެވޭނީ އެ ވިޔަފާރިތަކަކީ ސަރުކާރުގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި ޕޮލިސީ) ދަށުން އެ ފަރާތުން ކުރަން ގަސްތުކުރާ ވިޔަފާރިއަކަށް ހުއްދަ އޮތް އަދި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކެއް ކަމުގައިވާނަމަ ކަމަށް ބުނެފިއެވެ..
އެޗްޑީސީއިން ބުނީ ބިން ކުއްޔަށް ނެގުމަށް ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ބޭނުންތަކަކީ އެފަރާތްތަކަށް އެފްޑީއައި ޕޮލިސީގެ ދަށުން ހުއްދަ ދެވިފައިވާ ވިޔަފާރި ބޭނުންތަކެއްތޯ އެ ކުންފުނިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ގުޅިގެން ބީލަމުގައި ޕްރޮސެސްގެ ބައެއްގެ ގޮތުގައި ވެރިފައި ކުރާނެ ކަމަށެވެ.
ސަރުކާރާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ގްރޭޓާ މާލެ ރީޖަންގެ އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތިލަފުށި ފޭސް 2 ތަރައްގީ ކުރަމުން އަންނައިރު މި މަޝްރޫގެ ދަށުން ޖުމްލަ 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކުމަށް ވަނީ ނިންމާފައެވެ. އަދި މި ބިމުގެ ތެރެއިން 4.3 ހެކްޓަރު (ވަކި 50 ޕްލޮޓްގެ ގޮތުގައި) ސިނާއީ ބޭނުމަށް ބީލަމުގެ އުސޫލުން ދޫކުރުމަށް ފެބްރުއަރީ 7 ވަނަ ދުވަހު އެޗްޑީސީއިން ވަނީ އިއުލާން ކޮށްފައެވެ.
އެޗްޑީސީއިން ބުނީ ތިލަފުށިން ބިން ދޫކުރުމަށް ކުރިއަށް ގެންދާ މަސައްކަތަކީ ރާއްޖޭގައި ސިނާއީ މަސައްކަތްތައް ކުރުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނާއި އިގްތިސާދީ އާ މަސައްކަތްތަކަށް ޖާގަ ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ. އަދި އިގްތިސާދީ ގޮތުން ހުޅުވޭ މިފަދަ ފުރުސަތުތަކުގެ ސަބަބުން އިތުރު ވަޒީފާ އުފެދި، ރައްޔިތުންނަށް ފޯރުކޮށްދެވޭ އެކިއެކި ހިދުމަތްތަކަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ތިލަފުށިން 99 އަހަރަށް ބޭރު މީހުންނަށް ބީލަމުގައި ބިން ވިއްކަން ހުޅުވާލި އުސޫލާ ގުޅިގެން ދިވެހި ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުޅުކުރުމާއި ގުޅިގެން ދިވެހި ވިޔަފާރިންނަށް ފުރުސަތު ކުޑަވެގެން ނުދާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.