މިދިޔަ އަހަރު ފެންމަތިވި އެއް ޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑިއޯތަކުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ އަށް ތާވަލް ކޮށްފިއެވެ.
ސިއްރު ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
މާލޭގެ ކޮޓަރިއެއްގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރިއާ އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ގިނަ ބަޔެއްގެ ވީޑިއޯ ލީކްވި މައްސަލައިގައި، ފުލުހުން ގިނަ ބަޔަކު ހައްޔަރުކޮށް ތަހުގީގު ކުރިނަމަވެސް، ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ، ދައުވާ ކުރީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއް ސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި (ޑީއީޑީ) މަސައްކަތްކުރާ ފުލުހެއް ކަމުގައިވާ އަބްދުއްރަހުމާނު ރަފީއު އާއި ކަސްޓަމްސްގައި ވަޒީފާ އަދާކުރަމުން ދިޔަ މަހުމޫދު ރިޔާޒު ގެ އިތުރުން އަލަމްގިރިގެ މައްޗަށެވެ.
މި މައްސަލައިގެ ދައުވާ އުފުލި ނާޒިމް ސައްތާރު ވަނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު، 3 މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ކުރި ހުކުމް ތަންފީޒުކޮށް ނިމި، މިނިވަން ވެފައެވެ. އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އަށް ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެއް އިއްވާފައެވެ.
މީގެ އިތުރުން އަލަމްގިރިގެ މައްޗަށް މިދިޔަ އޮގަސްޓް މަހު އެއް ޖިންސުން ގުޅުން ހިންގުމުގެ 3 ދައުވާއެއްގެ ހުކުމް އަލަމްގިރިގެ މައްޗަށް ކޮށްފައި ވާއިރު 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް އެ ފަހަރު ވަނީ ހުކުމް ކޮށްފައެވެ. އަދި އޭގެ ފަހުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއަށް 1080 ދުވަސް ނުވަތަ 3 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ. އަދި ކަސްޓަމްސްގައި ވަޒީފާ އަދާކުރަމުން ދިޔަ މަހުމޫދު ރިޔާޒުގެ މައްޗަށް ވަނީ ތިން މަހާއި 10 ދުވަހަށް ޖަލަށް ލުމަށާއި އިތުރު ހަ މަހާއި 20 ދުވަހަށް ގޭ ބަންދުކުރުމަށް ހުކުމް ކޮށްފައެވެ.
އެއްޖިއްސުން ގުޅުން ހިންގުމަކީ އިސްލާމްދީނުގައި ވެސް ހަރާމް ކުރައްވާފައިވާ ކަމަކަށް ވާއިރު، ނިމިދިޔަ އަހަރު އެއްޖިންސުން ގުޅުން ހިންގުން ބޮޑު ކުށަކަށް ހަދަން ޖިނާއީ އިޖުރާއާތުގެ ގާނޫނަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހުށަހެޅުއްވި ނަމަވެސް އެ އިސްލާހު ވަނީ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލާފައެވެ.