ކެންސަރާ ދެކޮޅަށް ރާއްޖޭގެ ސިއްހީ ދާއިރާ ތައްޔާރު ވެ ކުރިއަށް ދާން ވީ ގޮތްތައް އެކަށައެޅުމަށް ޕްްލޭނެއް އެކުލަވާލައި އިފްތިތާހު ކޮށްފިއެވެ.
މިއަދު އިފްތިތާހް ކުރި ޕްލޭންގެ ސަބަބުން ނުރައްކާތެރި ކެންސަރު ބަލިން ރައްކާތެރިތެރިވުމަށް ރާއްޖޭގައި އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅުމާއި، މި ބަލި ތަހައްމަލު ކުރަމުންދާ ބަލި މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން އެ ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތަށް ކުޑަކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ކަންކަމާއި ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުންނާއި ޕްރައިވެޓް ސެކްޓާތަކުގެ އިތުރުން މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތްތައް އެއް އަމާޒަކަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގުޅުން ރަނގަޅު ކުރުމަކީ މި ޕްލޭންގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައި މައުލޫމާތު ދިނެވެ.
މި ފަދަ ޕްލޭން ރާވާ ހިންގުމުގެ މައިގަނޑު ބޭނުންތަކަކީ، ކެންސަރުން ރައްކާތެރިވުމަށް ސިއްހީ އާދަތަކަށް އަހުލުވެރިވުމާއި، އަވަހަށްބަލި ދެނެގަނެ ވީ އެންމެ އަވަހަކަށް ފަރުވާ ފެށުމާއި، އާއިލާތަކަށް މާލީބުރައެއް އުފުލަން ނުޖެހި ކެންސަރުގެ ފަރުވާލިބުމާއި، ކެންސަރު ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ ޕެލިއޭޓިވް އަދި ސަޕޯޓިވް ކެއާގެ ކަވަރޭޖް ފުޅާކުރުމުގެ އިތުރުން ކެންސަރުގެ ޤައުމީ ރަޖިސްޓްރީ ޤާއިމު ކުރުމާއި ދިރާސާތައް ކުރުމެވެ.
މިއަދު ފެށިގެންދިޔަ މަސައްކަތަކީ ގައިންގަޔަށް ނާރާބަލިތައް ކޮންޓްރޯލްކޮށް ސިއްހީ ދުޅަހޮޔޮކަން އިތުރުކުރުމަށް، މި ސަރުކާރުން ކުރަމުން ގެންދާ ހާއްސަ މަސައްކަތުގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތެކެވެ. މި ސަރުކާރުގެ އެއް އަމާޒަކީ ގައިން ގަަޔަށް ނާރާ ބަލިތަށް މިހާރު ހުރި މިންވަރު 2030 ގެ ނިޔަލަށް 25 ޕަސެންޓަށް ދަށްކުރުމެވެ. އަދި މިޕްލޭން ރަނގަޅު ގޮތުގައި ކުރިއަށް ގެންދިޔުމަކީ މި އަމާޒަށް ވާސިލްވުމަށް ކޮށިގެންދާނެ ފަހި މަގެއްކަމަށް އެޗްޕީއޭއިން ދެކެއެވެ.
ފަސް އަހަރުގެ މުއްދަތަކަށް އެކުލަވާލެވިފައިވާ މި ޕްލޭން "ނެޝަނަލް ކެންސާ ކޮންޓްރޯލް ޕްލޭން 2022-2026" މިއަދު އިފްތިތާހް ކޮށްދެއްވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ.
މި ޕްލޭން އިފްތިތާހު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރުއަދި މިނިސްޓްރީ އޮފް ހެލްތު ގެ އިސްވެރިންނާއި، ކެންސަރަށް ފަރުވާ ދޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ސިއްޙީ ޚިދުމަތްތެރިންނާއި އޮފިޝަލުންގެ އިތުރުން މިކަމާގުޅޭ އެންޖީއޯތަކުން ބައިވެރިވިއެވެ.