ހައި ކޯޓުގައި އިސްތިއުނާފުކޮށް މައްސަލަ ފެށިއިރު ޑީޕޯޓް ކޮށްލައިފައި ވާތީ ޖިންސީ ނިޔަތެއްގައި ކުޑަކުއްޖެއްގެ ގައިގައި އަތްލުމުގެ ދައުވާ ލިބުނު އިންޑިއާ މީހެއްގެ މައްސަލަ ބާތިލް ކޮށްފިއެވެ.

އެ މައްސަލާގައި ދައުވާކުރި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރަމޭޝް ސިލްވަމޮނީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ސެޕްޓެމްބަރު މަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވާއިރު އެ މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތާ ގުޅުން ހުރި މައްސަލައަކަށް ވާތީ ކްރިމިނަލް ކޯޓުން އެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.

ޕީޖީ އޮފީހުން ހައި ކޯޓުގައި އެ މައްސަލަ މިދިޔަ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު ވަނީ އިސްތިއުނާފު ކޮށްފައެވެ. އެހެންނަމަވެސް ރަމޭޝް ރާއްޖެއިން ޑިޕޯޓު ކޮށްލާފައި ވާތީ އޭނާއާ ދެކޮޅަށް ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބާތިލު ކުރަން އެ ކޯޓުން ވަނީ އެ ދުވަހު ނިންމާފައެވެ.

ހައިކޯޓުން ރަމޭޝްގެ އަމުރު ރައްދު ނުކުރެވިގެން ޕީޖީ އޮފީހަށް ފޮނުވި ސިޓީތަކަށް ޖަވާބު ދެމުން ޕީޖީއިން ބުނީ މިދިޔަ ޑިސެމްބަރު 8 ވަނަ ރަމޭޝް ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ.

ރަމޭޝް ޑީޕޯޓްކޮށްލީ އެ މައްސަލަ އިސްތިއުނާފްކުރި ފަހުން އިމިގްރޭޝަންއިން ކަމަށާޢި އެ މައްސަލަ އިސްތިއުނާފްކުރަން އުޅޭކަން އިމިގްރޭޝަންއަށް ވެސް އެނގޭނެ ކަމަށް ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވަނީ ވިދާޅުވެފައެވެ. އަދި ހައި ކޯޓުން ރަމޭޝްގެ މައްސަލަ ބޭރުކޮށްލާފައިވާއިރު އޭނާ އުޅޭ ތަނެއް ހޯދިއްޖެ ނަމަ އަލުން މައްސަލަ ހައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ޕީޖީ ވަނީ ދީފައެވެ.