އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަވާލުކުރުން ހުއްޓުވުށާއި އަލުން އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ސިވިލް ކޯޓުން އަދި ބަލައެއް ނުގަނެއެވެ. މި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރެވެ. އޭނާގެ ވަކީލެއްގެ ގޮތުގައި ކޯޓުގައި ވަކާލާތު ކުރައްވާނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ދިޔާނާ ސައީދުއެވެ.
ސިވިލް ކޯޓުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މި މައްސަލަ އަދި ރަޖިސްޓްރީ ކޮށްފައި ނުވާ ކަަމަށެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ގަވާއިދުން އެނގެން އޮންނަ ކަމަށާއި، އެ ޕާޓީން 39،000 މެންބަރުން ވަކި ކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދީ އެ މެންބަރުން ހިމަނައިގެން އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ. އަދި ކޯޓަށް ހުށަހެޅި މި މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓަށް ރިޔާސީ ޓިކެޓު ހަވާލުކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ވެސް އެދިފައެވެ.
އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދާ ވާދަ ކުރައްވައި ރައީސް ސޯލިހު ވަނީ 8 ހާސް ވޯޓުގެ ތަފާތުން ޓިކެޓް ޔަގީން ކުރައްވާފައެވެ. ދާއިމީ ނަތީޖާ އިން ދައްކާގޮތުން ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 24،566 ވޯޓެވެ. އެ އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު ވޯޓުލާފައި ވަނީ 40،887 މީހުންނެވެ.
އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައިސް ސޯލިހަށް އަންނަ ހުކުރު ދުވަހުގެ ރޭ 8:15 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ނިންމާފައިވާ އިރު، މިރޭ އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާކުރުމުގެ ބާރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ދޭން ނިންމާފައެވެ. އެމްޑީޕީ ގައުމީ މަޖީލީހުގެ ޖަލްސާގައި މި ނިންމުން ފާސްވެފައި ވަނީ އެ ޖަލްސާގައި ބައިވެރިވެވަޑަިއގެން 85 މެންބަރުންގެ ތެރެއިން 81 މެންބަރުންގެ ވޯތާ އެކުގައެވެ. މި ޖަލްސާގައި ރައީސް ނަޝީދުގެ ފެކްޝަންގެ އެއްވެސް މެންބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.