ޑެމިއަން ރައިޑާ ބޯޑެއްގެ މަތީގައި ފަލި ޖަހައިގެން ރާއްޖޭގެ ކަނޑުތައް ހުރަސްކުރުމަށް ފަށާ ދަތުރުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

އެކަން ހާމަކޮށްފައިވާއިރު އެކަމުގެ އެއްބަސްވުމުގައި ޑެމިއަންއާއެކު އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒެވެ.

އުރީދޫއިން ބުނީ ޑެމިއަންގެ މި ދަތުރުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އަށް ލިބިގެންދިޔުމަކީ ލިބޭ އުފަލެއް ކަމަށާއި އެ ދަތުރުގައި ޑެމިއަން ރާއްޖޭގެ އަށް އަތޮޅު ހުރަސްކޮށް 480 ކިލޯ މީޓަރު ހަމަކުރާނެ ކަމަށެވެ.

އޮސްޓްރޭލިއާގެ ޑެމިއަން އަކީ ލިޔުންތެރިއެކެވެ. އޭނާ ބުނާ ގޮތުގައި އަށް ދުވަހުގެ ތެރޭގައި އަށް އަތޮޅު ހުރަސްކުރުމަކީ އޭނާގެ އަމާޒެކެވެ.

ކުޅިވަރާއި ތިމާވެއްޓާއި އިޖުތިމާއީ އެކި އެކި ހަރަކާތްތަކުގައި އުރީދޫގެ ބައިވެރިވުން އެކި ފެންވަރުގައި ފެނިގެންދާއިރު އުރީދޫއަކީ އެ ފަދަ ކޮންމެ ދާއިރާއަކުންވެސް ރާއްޖޭގެ ކުރިއެރުމަށް ގިނަ ގުނަ މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި ފާހަގަކުރެވޭ ކުންފުންޏެކެވެ.