އިތުރަށް ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިމާރާތް ބޭނުންވާ ކަމަށާއި ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިތުރު އިމާރާތެއް ބިނާކުރުމުގެ ޕްލޭން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ސަރުކާރުގެ ބައެއް އޮފީސްތައް ހުޅުމާލެއަށް ބަދަލު ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ހެދި ފުރަތަމަ އޮފީސް އިމާރާތް މިއަދު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އާ އޮފީސް އިމާރާތް ހުޅުވާފައި މިވަނީ ފަދަ އިމާރާތެއްގެ ބޭނުންތެރިކަން ވަރަށް ބޮޑަށް ޖެހިފައިވާ ދުވަސްވަރެއްގައި ކަމަށެވެ. ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތުގެ ދަތިކަން މިހާރު އޮތީ ވަރަށް ބޮޑުވެފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މީގެ ކުރިން ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަމުން އައި ދެ އިމާރާތުގެ ތެރެއިން ހުރަވީ ބިލްޑިން ބާވެ، ބޭނުންނުކުރެވޭވަރު ވުމުން، މިހާރު ތަޅާލާފައިވާ ކަމަށެވެ. އަދި ގާޒީ ބިލްޑިން ވެސް އެހުރީ ވަރަށް ބޮޑަށް ބާވެ، ބޭނުންނުކުރެވޭވަރު ވެފައިކަން ރައީސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން، ސަރުކާރުގެ ގިނަ އޮފީސްތަކެއް މިހާރު ވެސް ހިންގަމުން އަންނަނީ ކުލީ އިމާރާތްތަކުގައި ކަމަށާއި އެކަމަށް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކުރަން މިއަދު ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޮފީސް އިމާރާތް ބައްލަވަާލައްވަނީ / ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ، ސަރުކާރުގެ އޮފީސް އިމާރާތެއް، އެންމެފަހުން ބިނާކުރެވިފައި ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރު ކަމަށެވެ. އޭގެފަހުން، ސަރުކާރުގެ ހިދުމަތްތައް ފުޅާވެ، ކުރަންޖެހޭ މަސައްކަތްތައް ގިނަވެގެންދިޔައިރު ވެސް ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތެއް، ސަރުކާރުން މިއަދާ ހިސާބަށް އައިއިރުވެސް ހޯދިފައެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުއްޔަށް ކުރަން ޖެހިފައި އޮތް ހޭދަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި އަދި މިހާރުވެސް އެކަމަށް ކުރަންޖެހޭ ހަރަދު ބޮޑުވަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ހުޅުމާލެ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދަ ޕަރެސް
މި އިމާރާތުގެ އެންމެބޮޑު ބޭނުމަކީ، މި ދެންނެވި ދަތިކަމަށް ހައްލެއް ހޯދުން. އަޅުގަނޑަށް އެނގޭ، އަދިވެސް އިތުރަށް ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިމާރާތް ބޭނުންވާކަން. އަޅުގަނޑުމެންގެ ޕްލޭންގައި އިރާދަކުރެއްވިއްޔާ އަދިވެސް އެބައޮތް، ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި އިތުރު އިމާރާތެއް ބިނާކުރުމުގެ ޕްލޭން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މި އިމާރާތުގައި ސަރުކާރުގެ ބޮޑު ތިން މިނިސްޓްރީއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އަދި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއެވެ. ރައީސް ވިދާޅުވީ، މި އިމާރާތަށް އެ ތިން މިނިސްޓްރީ ބަދަލުވުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ކުލީ އިމާރާތްތަކުގައި ސަރުކާރުގެ އޮފީސްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތަކުން ބޮޑު ބައެއް ސަލާމަތްވުން ކަމަށެވެ.

ހުޅުމާލެ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދަ ޕަރެސް

މި އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު، ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭ ފަދަ މާހައުލަކާ އެކު ބިނާކޮށްފައިވާ އިމާރާތެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކޮންމެ ފްލޯއެއްގައި ހިންގާނީ އެއް މިނިސްޓްރީ ކަމަށެވެ. އަދި ކުރިއަށްވުރެ ޖާގަ ތަނަވަސްވެ، މާހައުލު ވެސް ހިތްފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވިެއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވެރިރަށް ފުރަމާލެއިން ބޭރުގައި ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް ބިނާކޮށް، އެ އިމާރާތުގައި ސަރުކާރުގެ މިނިސްޓްރީތަކެއް ހިންގަން ފެށުމަކީ ރާއްޖޭގެ ތާރީހުގައިވެސް މުޅިން އަލަށް ފެށޭ ކަމެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިދަ ނަންގަވަނީ / ފޮޓޯ: ރައީސް އޮފީސް

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ ނ.އ.އ.ވ އުމަރު ޒާހިރުގެ ނަންފުޅުން ނަންދީފައިވާ އެ އޮފީސް އިމާރާތް ހުޅުއްވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިދަ ނަންގަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.